ކުޅިވަރު

އުދިނޭޒީ ބަލިކޮށް ޗެމްޕިއަން މިލާނުން ފެށުން ރަނގަޅުކޮށްފި


އިޓާލިއަން ލީގުގައި އުދިނޭޒީ ބަލިކޮށް، އައު ސީޒަނުގެ ފެށުން އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ރަނގަޅުކޮށްފިއެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ މިނެޓުގައި އުދިނޭޒީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ބެކާއޮއެވެ. އެކަމަކު މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތިއޯ ހެނާންޑޭޒް ވަނީ މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މިލާނަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އެންޓެ ރެބިޗެވެ.

ނަމަވެސް އުދިނޭޒީން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޑަމް މަސީނާ ޖަހައިދިން ލަނޑާއެކު ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގައި މިލާނުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ބްރަހީމް ޑިއާޒް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ރެބިޗް ވަނީ އިތުރު ލަނޑެއް ޖަހައި، މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު އައު ސީޒަނުގެ ފެށުން މިލާނުން ރަނގަޅު ކުރި ނަމަވެސް، މި ސީޒަނަށް މިލާނުން ޓީމު ވަރުގަދަ ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.