ޚަބަރު

ހަނގުރާމާގައި މިހާތަނަށް 1500އަށްވުރެ ގިނަ މަރު


ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށި ފަހުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ މީހުން ދަނީ މަރުވަމުންނެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމްކޮށްފައި ހުންނަ ގަލްފުގެ ޤައުމުތަކަށް ވެސް އީރާނުގެ ރައްދު ޙަމަލާތައް އަމާޒުވެފައިވާއިރު، ޔަހޫދީންގެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާއެކު އީރާނާ ގާތް ގުޅުމެއް ބާއްވާ ޙިޒްބުاللهއިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފައެވެ.

ޙަމަލާތައް ބަދަލުކުރަމުންދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް މިހާރު ވެފައިވާއިރު، ގަލްފުގެ ޤައުމުތަކުން ވަނީ އެ ޤައުމުތަކުން މަރުވެފައިވާ މީހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ޙިއްޞާކޮށްފައެވެ.

އީރާނުގެ ރަސްމީ އިދާރާތަކުން ބުނީ މާރިޗު މަހުގެ 9ވަނަ ދުވަހާ ހަމައަށް އެ ޤައުމުގައި 1،255 މީހުން ޝަހީދުވެ، 12،000އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ފުރަތަމަ ދުވަހު ޔަހޫދީން އެ ޤައުމުގެ މީނާބުގެ މަދަރުސާއަކަށް ދިން މިސައިލް ޙަމަލާއެއްގައި ޝަހީދުވި 175 ދަރިވަރުން ހިމެނެއެވެ. މި ޢަދަދުގެ ތެރޭގައި އީރާނުގެ އިންޤިލާބީ ފައުޖުގެ މުޖާހިދުން ހިމެނޭ ކަމެއް ސާފެއް ނުވެއެވެ. އީރާނުގެ ފަސްގަނޑުގައި ޝަހީދުވި މީހުންގެ އިތުރުން ސްރީ ލަންކާ ސަރަޙައްދުން އީރާނުގެ އަސްކަރީ މަނަވަރަކަށް އެމެރިކާގެ ސަބްމެރިންއަކުން ދިން ޙަމަލާއެއްގައި ވެސް އީރާނުގެ 104 މީހުން ޝަހީދުވެފައިވެއެވެ.

ލުބުނާނުގައި ވެސް ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް 394 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 83 ކުޑަކުދިން ހިމެނޭ ކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އޭގެ އިތުރުން، ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ 500،000އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ސަޢުދީ ޢަރަބިއްޔާގެ އަލް ޚަރްޖު ސިޓީގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ޕްރޮޖެކްޓައިލްއެއް ވެއްޓުމުގެ ސަބަބުން އެ ޤައުމުގައު ވެސް ދެ މީހުން މަރުވެފައިވެއެވެ. އަދި މާރިޗު މަހުގެ 2ވަނަ ދުވަހު ބަޙްރައިންއަށް ދިން މިސައިލް ޙަމަލާއެއް ހުއްޓުވުމުގެ ތެރޭގައި އެ ޤައުމުގެ ސަލްމާން އިންޑަސްޓްރިއަލް ސިޓީގައި ހުޅުގަނޑެއް ފެތުރި، އެކަކު މަރުވެފައިވެއެވެ. ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ދިން ޙަމަލާތަކުގައި ވެސް ޢާންމުންގެ މީހަކާއި އެ ޤައުމުގެ ދާޚިލީ ވުޒާރާގެ ދެ މުވައްޒަފުންނާއި ދެ ސިފައިން މަރުވެފައިވެއެވެ. ޢުމާންގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުންދިޔަ ޓޭންކަރަކަށް ޕްރޮޖެކްޓައިލްއެއް ވެއްޓި ވެސް މީހަކު މަރުވެފައިވެއެވެ. އޭގެ އިތުރުން އެކުވެރި ޢަރަބި އިމާރާތުގައި ހަތަރު މީހުންނާއި ސޫރިޔާގައި ހަތަރު މީހުން މަރުވެފައިވެއެވެ. އަދި ޢިރާޤުގެ އަސްކަރީ ކޮމާންޑަރެއް ވެސް ހިމެނޭ ގޮތަށް އެ ޤައުމުގައި 15 މީހުން މަރުވެފައިވެއެވެ.