ކުޅިވަރު

ފްރީސްޓައިލް ރިލޭގެ ގައުމީ ރިކޯޑު ފިރިހެން ޓީމުން މުގުރާލައިފި


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިން ޓީމުން ފިރިހެނުންގެ ލޯންގް ކޯސް ހަތަަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލައިފިއެވެ.

މި ރިކޯޑު ދިވެހި ފިރިހެން ޓީމުން އާކޮށްފައިވަނީ 4 މިނެޓު 1.23 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 8.89 ސިކުންތުގެ ކުރިއެރުމެކެވެ.

ރިކޯޑު މުގުރާލި ސްވިމިން ޓީމުގައި ހިމެނެނީ އަބްދުﷲ ނާވީ އަޙްމަދާއި، އިބްރާހީމް މައިޝާން ޝަމީމާއި، އަލީ އިމްޢާން އަދި ހުސައިން ހާއިޝް ހަސަނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި 4 މިނެޓު 10.12 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. އެ ފަހަރު ރިކޯޑު އާކުރި ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހީމާއި، އަލީ އިމްޢާނާއި، ހުސައިން ހާއިޝް ހަސަން އަދި ހަސަން އަޝްރަފެވެ.

މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފިރިހެން ރިލޭ ޓީމުން ރިކޯޑު ހެދިއިރު، ދާދި ފަހުން އިނގިރޭސިވިލާތުގެ ބާމިންހަމުގައި ނިމިގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ގައުމީ ފެތުންތެރިންގެ ޓީމުން ވަނީ ގައުމީ ހަތް ރިކޯޑެއް އާކޮށްފައެވެ.