ތަޢުލީމު

ދަރިވަރުން އުޅޭނޫޅޭ ގޮތް އުމުރުން 18 އަހަރު ވަންދެން ބައްލަވަނީ


ސްކޫލް ނިންމާ ދަރިވަރުން އުމުރުން 18 އަހަރު ވަންދެން، އުޅޭ ތަނެއް ނޫނީ ކުރަމުންދާކަމެއް ބެލެހެއްޓޭނެ އުސޫލެއް ތަޢާރަފްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ ސްކޫލް ނިންމުމަށްފަހު ކުރިޔަށްދެވޭނެ މަގެއް އިހްތިޔާރު ނުކުރެވި ބައެއް ކުދިން ތިބޭކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާކަމަށެވެ. އެހެންކަމުން ޕްރީ ސްކޫލުން ފެށިގެން އެ ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން ކޮންމެ ކުއްޖަކުވެސް އުޅޭ ތަނެއް ނޫނީ ކުރަމުންދާކަމެއް ބެލެހެއްޓޭނެ އުސޫލެއް މިހާރު އެކުލަވާލާފައިވާކަމަށެވެ. އަދި މި އުސޫލަށް އަމަލުކުރަން ފެށުމުގެ ގޮތުން މާލޭގެ ސްކޫލްތަކާއި އަތޮޅުތެރޭގެ ސްކޫލެއްގައި މިޕޮލިސީ އަންނަ މަހުގެ މެދެއްހާ ހިސާބުގައި އަޖުމަ ބެލުމުގެ މަސައްކަތް ފައްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ޘާނަވީ ތަޢުލީމް ފުރިހަމަކުރުމަށްފަހު މަތީ ޘާނަވީ ނުވަތަ އޭލެވެލް އަށް ކިޔަވަން ފަށަނީ އޯލެވެލް ނިންމާ ދަރިވަރުންގެތެރެއިން 40 އިންސައްތަ ދަރިވަރުންނެވެ. ބާކީތިބި ފަސްދޮޅަސް އިންސައްތަ ދަރިވަރުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ރައްކާކުރެވޭނެ ނިޒާމެއް ހަމަޖެހިފައިނުވާކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލް އާއި މަތީ ތަޢުލީމަށް ކިޔަވަން ނުފަށާ ކުދިންނަށް އެހެނިހެން ފުރުސަތުތައް ހޯދައްވާ ދެއްވާނެކަމަށެވެ.  އެގޮތުން ފެއިލްވާ މާއްދާތައް ކިޔެވޭނެ އިންތިޒާމާއި އެކި ކުށުގައި ބަންދުވެފައި ތިބޭ ކުދިންނަށް އެކުދިން ތިބި ތަނަކުން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ޕްރޮގްރާމްތައް ފަރުމާކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.ސްކޫލް ނިންމާ ދަރިވަރުން ޢުމުރުން 18 އަހަރު ވަންދެން ރަސްމީ ތަޢުލީމުގެ ތެރޭގައި ގެންގުޅުމުގެ ސިޔާސަތާއެކު ގްރޭޑް 10 ނިންމާ ކުދިން 18 އަހަރު ވަންދެން ގްރޭޑް 10 ގައި އުޅުނު ސްކޫލްގައި އެދަރިވަރެއްގެ މަޢުލޫމާތު ބަލަހައްޓަވަމުން ގެންދަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި އަށާރަ އަހަރުވުމުން މުޖްތަމަޢުއަށް ކުދިން ނުކުންނައިރު ބޭނުންވާ ހުނަރާއި ތަމްރީނު އެކުދިންނަށް ލިބިފައިވާކަން މި ޕްރޮގްރާމްގެ ތެރެއިން ޔަގީންކުރެވިގެންދާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.