ޚަބަރު

ބަންކަރިންގެ ހިދުމަތާއެކު ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވާނެ: އަމްރު


އެސްޓީއޯއިން ބޭނުންވަނީ ދުނިޔޭގެ މެދުގައި ފިއުލް ޝެޑެއް ޤާއިމްކުރަންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ދަނީ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތާއެކު ތެޔޮ ސްޓޯރޭޖެއް އިހަވަންދިޕޮޅުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. މި މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ ތަފްސީލްތައް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ދެއްވަމުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވީ، ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ހިސާބުގެ ގޮތުން، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބޭރުގެ ބޯޓު ފަހަރުތައް ރާއްޖެ ކައިރިން ދަތުރުކުރާ ކަމަށެވެ.

އަދި މިގޮތަށް ދަތުރުކުރާ ބޯޓުފަހަރުތަކުގެ ތެރެއިން، 1 އިންސައްތަ ބޯޓު ފަހަރު ރާއްޖެއަށް ތެޔޮ އެޅުމަށް މަޑުކޮށްފިނަމަ، މިކަމުގެ ސަބަބުން، ދައުލަތަށް ވަރަށްބޮޑު އާމްދަނީއެއް ލިބިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.

" ރާއްޖެއާއި ވަރަށް ކައިރިން ދުވާލަކު 300 އަށްވުރެގިނަ އާގުބޯޓު ދަތުރުކުރޭ، އޭގެތެރެއިން، 1 ޕަސަންޓުގެ އަދަދެއް ލިބުނަށް ދައުލަތަށް ވަރަށް ބޮޑު ރެވެނިއުއެއް ލިބިގެންދާނެ، އަދި 10 ޕަސަންޓާއި ހަމައަށް ލިބިއްޖެ ނަމަ، ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަށްވެގެންދާނެ، އެހެންވީމަ މިވަގުތު މަސައްކަތްކުރަމުން މިދަނީ އެކަމަށް، ބޭނުމަކީ ދުނިޔޭގެ މެދުގައި ފިއުލް ޝެޑެއް ޤާއިމްކުރުން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މި މަސައްކަތް އަވަހަށް ފަށައިގަތުމަށްޓަކައި އެކަމަށް ބޭނުންވާ ގަވާއިދުތައް ސިންގަޕޫރުގެ ކުންފުންޏަކާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި މިނިސްޓްރީތަކުންވެސް މިކަމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ.

މިކަމަކީ ރާއްޖެއަށްވެސް އާ ކަމެއްކަން އަމްރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް އަވަހަށް ފަށައިގަތުމަށްޓަކައި ފުރަތަމަ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފްލޯޓިންގ ސްޓޯރޭޖަކާއި ބަންކަރިން ބޯޓަކާއެކކަމަށް އަމްރު ވިދާޅުވިއެވެ.

"އޭގެކުރިން މި ވިސްނަނީ ފްލޯޓިންގ ސްޓޯރޭޖެއް 80000 ޓަނުގެ ބޯޓެއް އެތަނުގައި ބާއްވާފައި، އަދި 5 މިލިއަން ލީޓަރުގެ ބަންކާ ބާޖެއް ބޭނުންކުރަން، އެއީ އަންނަ ބޯޓު ފަހަރުތަކަށް ތެޔޮ އަޅަން، މިހެން އެޓްލީސްޓް އެކަން އެބަ ފެށޭ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ތެޔޮ އަޅަން ކައިރި ކުރާ ބޯޓުތަކަށް ފެނާއި ކާބޯތަކެތިވެސް ބޭނުންވާނެ ކަމަށާއި، އެހެންކަމުން ކައިރި ރަށްތަކަށްވެސް މިކަމުގެ ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޝިޕިންގެ އިތުރުން، ޑިޖިޓަލް ބޭންކިންގ ދާއިރާގެ ވިޔަފާރިއަށް ވަނުމަށްވެސް އެސްޓީއޯޢިން ވަނީ މަސައްކަތް ފަށާފައެވެ.