ކުޅިވަރު

ބާސާއިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ


މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

އައު ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާ ބާސާއިން ކުޅުނު ފުރަތަމަ މެޗުގައި ރަޔޯ ވަޔެކާނޯއާ ބައްދަލުކޮށް ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ގިނައިރު ބޯޅަ ގެން ގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބާސާއިންނެވެ. މި މެޗުގައި މި ސީޒަނަށް ބާސާއަށް އަލަށް ގުޅުނު ޕޯލަންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ނަމަވެސް އޭނާއަށްވެސް މި މެޗުގައި ވަޔެކާނޯގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލެވަންޑޯސްކީއަށް ލިބުނު ރަނގަޅު ފުރުސަތެއް އޮފްސައިޑް ކަމަށް ދެއްކިއިރު، ދެވަނަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. މި މެޗުގައި ވަޔެކާނޯއަށް އެންމެ ހުސް ފުރުސަތު ލިބުނީ އެ ޓީމުގެ ސާޖިއޯ ކަމޭލޯއަށެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ބާސާއިން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސްއަށް ދެވަނަ ރީނޑޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.

މި ސީޒަނަށް ބާސާއިން އަލަށް ގެނައި ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައިވަނީ މި މެޗު ފެށެން 24 ގަޑިއިރަށް ވެފައިވަނިކޮށެވެ. އަދި ފަސްވަނަ ކުޅުންތެރިޔާ ޖޫލްސް ކޫންޑޭ އަދި ރަޖިސްޓާ ކުރެވިފައެއް ނުވެއެވެ.