ކުޅިވަރު

ލެސްޓާ އަތުން އާސެނަލަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އާސެނަލަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ބްރެޒިލުގެ ފޯވާޑް ގެބްރިއަލް ޖޭސުސްއެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ޖޭސުސް ވަނީ އިތުރު ލަނޑެއް ޖަހައި، އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި އާސެނަލުގެ ވިލިއަމް ސަލީބާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ލެސްޓާއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އާސެނަލުގެ ގްރޭނިޓް ޝަކާ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

ލެސްޓާއިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ޖަހައިދިނީ ޖޭމްސް މެޑިސަންއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން އާސެނަލުގެ ގެބްރިއަލް މާޓިނެއްލީ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު އާސެނަލް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް އަރާފައެވެ. ތާވަލުގެ އެއްވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެއްވަރަށް އާސެނަލަށް ހަ ޕޮއިންޓް ލިބިފައިވީ ނަމަވެސް، ފައިދާ ލަނޑުން ކުރި ލިބެނީ ސިޓީއަށެވެ. އަދި މި މެޗުން ބަލިވި ލެސްޓާ އުޅެނީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ 14 ވަނައިގައެވެ.