ޚަބަރު

އިންޑިއާ ނުރުހުނަސް ޗައިނާގެ އުޅަނދަށް ބަނދަރު ކުރެވޭނެ: ސްރީލަންކާ


ޗައިނާގެ އަސްކަރިއްޔާގެ އުޅަނދެއް ސްރީލަންކާގެ ހަމްބަންޓޯޓާގައި ބަނދަރު ކުރުމުގެ ހުއްދަ އެ ޤައުމުން ދީފިއެވެ. ޗައިނާގެ އަސްކަރީ އުޅަނދެއް ކަމުގައިވާ "ޔުއާން ވޮންގް 5" އަކީ ޖައްވީ ކަންކަން ދިރާސާ ކުރާ އުޅަނދެކެވެ. އަދި، ސެޓެލައިޓުތަކުގެ އިތުރުން ރޮކެޓާއި އިންޓަރ-ކޮންޓިނެންޓަލް މިސައިލް ފަދަ ހަތިޔާރުތައް ވެސް މި އުޅަނދަށް މޮނީޓަރ ކުރެވޭނެއެވެ.

ސްރީލަންކާއިން ކުރިން ބުނެފައި ވަނީ، ޗައިނާގެ އުޅަނދު ހަމްބަންޓޯޓާގައި ބަނދަރު ކުރުމުގެ ހުއްދަ ދީފައި ވަނީ ތެޔޮ އެޅުމުގެ ބޭނުމުގައި ކަމުގައެވެ. ނަމަވެސް، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އެ އުޅަނދު ދިރާސާތަކެއް ހަދާނެ ކަމުގެ މަޢުލޫމާތު ވެސް ކުރިން ފެތުރުނެވެ. މި އުޅަނދު ސްރީލަންކާއާ ދިމާލަށް ދަތުރު ކުރަމުންދާ ކަމުގެ މަޢުލޫމާތު ހާމަވުމާ ގުޅިގެން އިންޑިޔާއާއި އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މި ކަމާ ގުޅިގެން ސްރީލަންކާގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ވަނީ ނުރަސްމީ ހައިސިއްޔަތަކުން ނުރުހުން ފާޅު ކޮށްފައެވެ.

ސްރީލަންކާއަށް ކުރިމަތިވެގެން އުޅޭ މާލީ ދަތިކަމާއި އިޤްތިޞާދީ ކާރިސާއާ ގުޅިގެން އިންޑިޔާއާއި ޗައިނާއިން ވެސް ދަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، ދެ ޤައުމުގެ ބޭނުމަކީ ވެސް ސްރީލަންކާއަށް ބާރާއި ނުފޫޒު ފޯރުވުން ކަމުގައެވެ.

ޗައިނާއިން ބިނާކޮށްދީފައިވާ 1.5 ބިލިޔަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު އޮންނަނީ ސްރީލަންކާގެ ދެކުނުގައެވެ. އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުގެ މެދުގައި މުދާ އުފުލާ އާގުބޯޓުތައް ދަތުރު ކުރަނީ ސްރީލަންކާގެ ދެކުނު ސަރަޙައްދުންނެވެ. އެހެންކަމުން، ހަމްބަންޓޯޓާ ބަނދަރަކީ، ދެ ބައްރުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި އިސް ދައުރެއް އަދާކުރާ ބަނދަރެކެވެ. ސްރީލަންކާއަށް ދަރަނި ދެއްކުމަށް ދަތިވެ، 2017 ވަނަ އަހަރު އެ ޤައުމުން ވަނީ އެ ބަނދަރު 99 އަހަރުގެ މުއްދަތަކަށް ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ އުޅަނދަކީ ޗައިނާގެ އަސްކަރިއްޔާއިން ބޭނުން ކުރާ އުޅަނދެއް ކަމުގައި އެމެރިކާއިން ބުނެއެވެ. އަދި، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ޤާބިލުކަން އިތުރު ކުރަން ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއިން ޤަބޫލުކުރެއެވެ. އެމެރިކާއިން ކަންބޮޑު ވަނީ، ހަމްބަންޓޯޓާ ބަނދަރަކީ އަސްކަރީ މަރުކަޒަކަށް ޗައިނާއިން ބަދަލުކޮށްފާނެތީއެވެ.

މި ކަމާ ގުޅިގެން އިންޑިޔާއިން ކުރިން ބުނެފައި ވަނީ، އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ސަރަޙައްދުގެ ހިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމާއި، އިންޑިޔާގެ މަސްލަހަތު ހިމާޔަތް ކުރަން އެ ޤައުމުން ފަސް ނުޖެހޭނެ ކަމުގައެވެ. ނަމަވެސް، ޗައިނާގެ އުޅަނދުގެ ދަތުރާ ގުޅިގެން ސްރީލަންކާގެ ސަރުކާރަށް ބާރު އަޅައި، ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިންޑިޔާއިން ދޮގު ކުރެއެވެ.