ޚަބަރު

ގޮވާން ބަރުކޮށްގެން އިތުރު ދެ ބޯޓު ޔޫކްރެއިނުން ފުރައިފި


ޔޫކްރެއިނުގައި އުފައްދާފައިވާ ގޮވާމުގެ ބާވަތްތައް ބަރުކޮށްގެން އިތުރު ދެ ބޯޓެއް ފުރައިފިއެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ވަނީ ހުއްޓިފައެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި މި މަހުގެ ކުރީކޮޅު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ވިޔަފާރި އަލުން މިވަނީ ފަށާފައެވެ.

ބްލެކް ސީގެ އައްސޭރިފަށުގައިވާ ޔޫކްރެއިނުގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް ބަރުކޮށްގެން ދެ ބޯޓު ފުރާފައިވާއިރު، މީގެ ތެރެއިން އެއް ބޯޓު ދަތުރު ކުރަމުން ދަނީ 12,000 ޓަނުގެ ޒުވާރި ބަރުކޮށްގެންނެވެ. އެ ބޯޓު ދަތުރު ކުރަމުން ދަނީ ތުރުކީ ވިލާތަށެވެ. ދެވަނަ ބޯޓަށް ބަރުކޮށްފައި ވަނީ 3,000 ޓަނުގެ ސަންފްލާވަރ ސީޑްއެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް ތިންވަނައަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދޭ ދެ ޤައުމެވެ. ނަމަވެސް، ހަނގުރާމައާ ގުޅިގެން އެ ދެ ޤައުމުގެ އެކްސްޕޯޓު ކުރުމުގެ ވިޔަފާރިއަށް ވަނީ ހުރަސް އެޅިފައެވެ. ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ވަނީ ޔޫކްރެއިނުގެ ބަނދަރުތައް ވަށައިލާފައެވެ. އަދި، ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ގޮތުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ ޤައުމަށް ވެސް ވަނީ މުދާ އެކްސްޕޯޓް ކުރުމަށް ހުރަސްތަކަކާ ކުރިމަތިވެފައެވެ.

މި ކަމާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ގޮވާމުގެ ބާވަތްތައް ލިބޭ މިންވަރު މަދުވެ، އެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ. އަދި، އެތައް ޤައުމަކަށް ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް ދަތިވެ، އެތަކެއް މިލިޔަން މީހުންނަށް ވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ގިނައީ އެފްރިކާ ބައްރުގެ ފަގީރު ޤައުމުތައް ނަމަވެސް، ބޮޑެތި އަދި މުއްސަނދި ޤައުމުތަކަށް ވެސް ދަނީ ކަމުގެ ސަބަބުން އަސަރު ކުރަމުންނެވެ.

ޔޫކްރެއިނުގެ ގޮވާން އެކްސްޕޯޓު ކުރުމުގެ ވިޔަފާރި އަލުން ފެށުމަށް ރަޝިޔާއިން އެއްބަސްވެފައި ވަނީ އ.ދ.އިން އިސްނަގައިގެން ތުރުކީ ވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި ބުރަ މަސައްކަތުންނެވެ. ފާއިތުވި ދެ ހަފުތާއެއްގެ ތެރޭގައި ޔޫކްރެއިނުގައި އުފައްދާފައިވާ ގޮވާމުގެ ބާވަތްތައް ބަރު ކޮށްގެން ޖުމުލަ 16 ބޯޓެއް ވަނީ ފުރާފައެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެ ޤައުމުން ބޭރުކޮށްފައިވާ ގޮވާމުގެ ބާވަތްތަކުގެ ބަރުދަން 450,000 ޓަނަށް އަރައެވެ.