އެފްއޭ ކަޕް 2022 ގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ކުލަބު ވެލެންސިއާއިން ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ކުރީކޮޅު ދަ ގްރާންޑޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އަދި ޚާއްސަކޮށް މުޅި މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު އަބްދުﷲ ޖުނެއިދު (ޖެންނެ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވެލެންސިއާއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަސްހަދު އަލީ (އަޑޭ) އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ވެލެންސިއާއިން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހަސަން ސުފިޔާނެވެ.
މި މެޗުގެ ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއެކު ވެލެންސިއާއިން ނިންމާލިއިރު، މެޗުގެ ދެވަނަ ހާފު ދަ ގްރާންޑޭއިން ފެށީ ތަޖުރިބާކާރު ޑިފެންޑަރު ގާސިމް ސައްމާމާއެކުއެވެ. އެއާއެކު މި ހާފުގައި ދަ ގްރާންޑޭއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސްއެވެ. އެކަމަކު އޭގެ ފަހުން ލަނޑެއް ޖަހަން ދަ ގްރާންޑޭއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މި މޮޅާއެކު މުބާރާތުގެ ސެމީއަށް ވެލެންސިއާ ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާ ފައިނަލުގައި ކުލަބު އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ކުއާޓާއަށް ސަސް ދަތުރުކުރީ ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.