ޚަބަރު

ޝަންހާއީގައި ހަފުތާއަކު އެއްފަހަރު ކޯވިޑް-19 ޓެސްޓު ހަދަން ގެހޭ


ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޮންމެ ހަފުތާއަކު އެއް ފަހަރު ޓެސްޓު ހަދަން އަންގާފައިވާ އަމުރުގެ މުއްދަތު އިތުރު ކޮށްފިއެވެ. މި ގޮތުން، އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް، އެ އަމުރުގެ މުއްދަތު އިތުރު ކުރަން އެ ސިޓީގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ވަނީ ނިންމައި، އެ ކަން އިޢުލާނު ކޮށްފައެވެ.

މި އަމުރުގެ ދަށުން އެ ސިޓީގައި ދިރިއުޅޭ 25 މިލިޔަނެއްހާ މީހުންނަށް ހަފުތާއަކު އެއް ފަހަރު ޓެސްޓު ހެދުމުގެ ޚިދުމަތަށް އެއްވެސް އަގެއް ނުނަގާނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝެންގްހާއީގައި މި ބަލި ޖެހިފައި ވަނީ އެންމެ ހަތަރު މީހުންނަށެވެ. ނަމަވެސް، ޗައިނާގެ އެހެން ބައެއް ސަރަޙައްދުތަކުގައި މި ބަލި ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.

އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ އެއް ސަރަޙައްދަކީ ޗައިނާގެ ދެކުނުގައިވާ ހައިނާން ޕުރޮވިންސެވެ. އެ ތަނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1,426 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި، މި ކަމާ ގުޅިގެން ފަތުރުވެރިންގެ މެދުގައި މަޤުބޫލު އެ ސަރަޙައްދު ވަނީ ފުރަބަންދު ކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާގައި މި ބަލި ޖެހިފައިވާ ޖުމުލަ މީހުންގެ އަދަދު 2,144 އަށް އަރައެވެ. މީގެ ތެރޭގައި ހިމެނެނީ ބަލީގެ ޢަލާމާތްތައް ފެނުނު 704 މީހަކާއި، އެއްވެސް ޢަލާމާތްތަކެއް ފެނިފައި ނުވާ 1,440 މީހުންނެވެ.