ޚަބަރު

ރަޝިޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމެއް ގޮތުގައި ކަނޑައެޅުމަކީ ހެދޭނެ ގޯހެއް!


ރަޝިޔާއަކީ ޓެރެރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަކީ އެމެރިކާއަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމުގައި ބުނެ، ރަޝިޔާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލެއް ކަމުގައިވާ އެލެގްޒެންޑަރ ޑަރްޗިއެފް ވިދާޅުވީ، އެ ފަދަ ގޮތަކަށް އެމެރިކާއިން ނިންމައިފި ނަމަ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ވެދާނެ ކަމުގައެވެ.

ރަޝިޔާއަކީ ޓެރެރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅޭ ބިލަކަށް އެމެރިކާގެ ސެނެޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، މި ބިލާ މެދު މަޝްވަރާ ކުރުމަށް ހުސްވި ޖުލައި މަހުގެ ތެރޭގައި ސެނެޓުގެ ދެ މެންބަރަކު ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރައްވާފައެވެ.

"އެ ބިލު ފާސްކޮށްފި ނަމަ، ދެ ޤައުމުގައި އޮތް ސިޔާސީ އަދި ދޭދޭ ގުޅުންތަކަށް ސީރިޔަސް އަސަރުތަކެއް ކުރާނެ. ފަހަރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކަނޑައިލަން ޖެހުން ވެސް އެކަށީގެންވޭ. އެމެރިކާއަށް އެ ވަނީ އިންޒާރު ދީފައި،" ޑަރްޗިއެފް ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ލެޓްވިޔާގެ ޤާނޫނު ހަދާ މަޖިލީހުން ދާދި ފަހުން ވަނީ ރަޝިޔާއަކީ ޓެރެރިޒަމަށް ހިތްވަރުދޭ، އަދި ޓެރެރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ހުޅަނގަށް ގޮވައިލާފައެވެ.