ޚަބަރު

ޓްރަމްޕުގެ ގެއިން ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތައް ހޯދައިފި


އެމެރިކާގެ ތަހުޤީޤީ އިދާރާ ކަމުގައިވާ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިން އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގެ ބަލައިފާސްކޮށް، ވައިޓް ހައުސްގެ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ހޯދާފައިވާ ކަން ހާމަވެއްޖެއެވެ. ފްލޮރިޑާގެ މާރް-އަ-ލާގޯގައި ހުންނަ ޓްރަމްޕުގެ ގެއަށް އެފް.ބީ.އައި.ގެ ޓީމުތަކުން ރޭޑު ޖަހާފައި ވަނީ އޮގަސްޓު 8 ވަނަ ދުވަހުއެވެ.

ޓްރަމްޕުގެ ގެއިން ވައިޓް ހައުސްގެ ސިއްރު ލިޔެކިޔުންތަކެއް ހޯދާފައިވާ ކަން ހާމަވެފައި ވަނީ، އެ ގެ ބަލައިފާސްކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ މަޢުލޫމާތު ޢާންމު ކުރުމުންނެވެ. އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ފަދަ މަޢުލޫމާތު ހިމެނޭ 11 ސިއްރު ކަރުދާހެއް އެ ގޭގެ ތެރެއިން ފެނިފައިވެއެވެ.

މިއީ، އެމެރިކާގެ ތަހުޤީޤީ އިދާރާއަކުން އެ ޤައުމުގައި ރައީސް ކަން ކުރައްވާފައިވާ ބޭފުޅެއްގެ ގެ ބަލައިފާސްކުރި ފުރަތަމަ ފަހަރެވެ. މި ކަމާ ގުޅިގެން ޓްރަމްޕު ވަނީ، ގޯހުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ ގެއިން ފެނުނު ލިޔެކިޔުންތަކަކީ "ޑީކްލެސިފައި" ކޮށްފައިވާ ނުވަތަ ސިއްރެއް ނޫން ކަމުގައި ކަނޑައަޅާފައިވާ ލިޔެކިޔުންތަކެއް ކަމުގައި ބުނެފައެވެ.

ޓްރަމްޕުގެ ގެއިން ވައިޓް ހައުސްގެ ލިޔެކިޔުންތައް އަޅާފައިވާ 20 ފޮށި އެފް.ބީ.އައި.ގެ ޓީމުން ވަނީ ގެންގޮސްފައެވެ. އެފް.ބީ.އައި.އިން ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ޓްރަމްޕު އަތުން ލިޔުއްވާފައިވާ ބައެއް ނޯޓްތަކާއި، ފޮޓޯ ބައިންޑަރަކާއި، ފަރަންސޭސި ވިލާތުގެ ރައީސާ ބެހޭގޮތުން ލިޔެފައިވާ ކަރުދާހަކާއި، ޓްރަމްޕުގެ ގާތް އެކުވެރިއެއް ކަމުގައިވާ ރޮޖަރ ސްޓޯނަށް މަޢާފު ދިނުމުގެ އަމުރެއް ހިމެނެއެވެ. މީގެ އިތުރުން، "ސިއްރު" ޖަހާފައިވާ 7 ކަރުދާސް ހިމެނެއެވެ.

އެފް.ބީ.އައި.އިން ޓްރަމްޕުގެ ގެ ބަލައިފާސްކޮށްފައި ވަނީ އެ ޤައުމުގެ އެސްޕިޔޮނާޖް އެކްޓުގެ ދަށުންނެވެ. އެއީ، ދައުލަތުގެ ސިއްރުތައް އެހެން ޤައުމުތަކަށް ވިއްކުމާއި ހިއްސާ ކުރުން މަނާކޮށް ހުއްޓުވާ ޤާނޫނެވެ. އެ ޤާނޫނުގެ ދަށުން، ދައުލަތުގެ ސިއްރު ކަރުދާހެއް ގެންގުޅުމަކީ ވެސް ކުށެކެވެ.

ވައިޓް ހައުސްގެ ލިޔެކިޔުންތައް އެ ތަނުން ބޭރު ކުރުމަކީ ވެސް ކުށެކެވެ. އެ ކުށުގެ އަދަބު ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރެއްވީ ވެރިކަމުގައި ހުންނެވި އިރު ޓްރަމްޕެވެ. ކޯޓު އަމުރުގައި ބުނެފައި ވަނީ، އެފް.ބީ.އައި.އިން ބަލައި ފާސްކޮށްފައި ވަނީ ޓްރަމްޕުގެ މާރް-އަ-ލާގޯ ގޭގައި "45 އޮފީސް"ގެ ނަމުގައި އޭނާ ހަދާފައިވާ ޚާއްޞަ އޮފީހާއި ކަރުދާސްތައް ރައްކާކުރާ ސްޓޯރޭޖްތައް ކަމުގައެވެ. އަދި، އޭނާއާއި އޭނާގެ އެއްވެސް މުވައްޒަފެއް ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައި ނުވާނެ ކަމުގައެވެ.

މި ކަމާ ގުޅޭ ގޮތުން ޓްރަމްޕުގެ ފަރާތުން ވަނީ ރައީސް ޖޯ ބައިޑަނަށް ބަހުގެ ހަމަލާތަކެއް އަމާޒު ކޮށްފައެވެ. ޓްރަމްޕުގެ ތަރުޖަމާނެއް ކަމުގައިވާ ޓެއިލަރ ބޮޑޮވިޗް ބުނީ، ޓްރަމްޕުގެ ގެއަށް އެފް.ބީ.އައި.އިން ރޭޑު ޖަހާފައި ވަނީ ބައިޑަންގެ އިރުޝާދުގެ ދަށުން ކަމުގައެވެ. އަދި، މިއީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ޓްރަމްޕަށް ނަގައިލުމަށް ރާވައިގެން ހިންގާ އަމަލުތަކެއް ކަމުގައި އޭނާ ތުހުމަތު ކުރިއެވެ.

މި ރޭޑާ ގުޅިގެން އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށް އިންޒާރު ދިނުމާއި ފުރައްސާރަ ކުރުމުގެ އަމަލުތައް ވަނީ އިތުރުވެފައެވެ. އެ އަމަލުތައް ހިންގަމުން ދަނީ ޓްރަމްޕަށް ތާޢީދު ކުރާ މީހުންނެވެ. ސަލާމަތީ ބާރުތަކުން މިހާރު ދަނީ މި އިންޒާރުތައް ތަހުޤީޤު ކުރަމުންނެވެ.