ވިޔަފާރި

ވެސްޓަން ޔޫނިއަންއަށް ދޫކޮށްފައިވާ މަނީ ޓްރާންސްފަރގެ ލައިސަންސް ހިފަހައްޓައިފި


ވިލާ ކުންފުނިން ހިންގާ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް އެމްއެމްއޭ އިން ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމާ އެކު ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ޚިދުމަތް ހުއްޓިއްޖެއެވެ.

ޕޭމަންޓް ހިފެހެއްޓިކަން ހާމަކޮށް އެމްއެމްއޭއިން ބުނެފައިވަނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްއަށް އެ އޮތޯރިޓީން ދޫކޮށްފައިވާ، ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް 8 އޮގަސްޓު 2022 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ހިފަހައްޓާފައިވާކަމަށެވެ. ލައިސަންސް ހިފެހެއްޓި ވަކި ސަބަބެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ލައިސަންސް ހިފެހެއްޓުމާއި ގުޅިގެން ވިލާ ކުންފުނިން ބުނެފައިވަނީ ލައިސަންސް ހިފެހެއްޓީ ވެސްޓަން ޔޫނިއަންގެ ލޯކަލް އެޕްލިކޭޝަނަށް މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށެވެ. އަދި އަންނަ އާދިއްތަ ނުވަތަ ހޯމަ ދުވަހުން ފެށިގެން އަލުން ޚިދުމަތް ދޭން ފަށާނެ ކަމަށްވެސް ވިލާއިން ވަނީ ބުނެފައެވެ.