ޚަބަރު

ރާއްޖޭގައި ޞިއްޙީ ދުޅަހެޔޮކަމާގުޅޭ ހަފްތާއެއް ފާހަގަކުރަނީ


ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން އިންތިޒާމްކުރައްވައިގެން ޞިއްޙީ ދުޅަހެޔޮކަމާގުޅޭ ހަފްތާއެއް ފާހަގަކުރުމަށް ނިންމައިފިއެވެ." ހެލްތް އެންޑް ވެލްނެސް ވީކް " ގެ ނަމުގައި ފާހަގަކުރާ މި ހަފްތާ ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 12 އިން 18 އަށެވެ. އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމުގެ ސަބަބުން އަބަދުވެސް އިންޑިއާއިން ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްމުން ގެންދެއެވެ. އެހީދޭ ދާއިރާތަކުގެ ތެރޭގައިވެސް ޚާއްޞަގޮތެއްގައި ޞިއްޚީ ދާއިރާ ފާހަގަކޮށްލެވެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އިންޑިޔާ ސަރުކާރުން ރާއްޖޭގައި އަޅައިދީފައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލެވެ.އިންޑިއަން ހައިކޮމިޝަނުން ދިވެހިރާއްޖެއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ ޞިއްޚީ ދުޅަހެޔޮކަމުގެ ހަފްތާގައި ހިންގަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އައިޖީއެމްއެޗްގައި ހިލޭ މެޑިކަލް ކޭމްޕް ބޭއްވުމާއި، ހެލްތް އެކްސްޕޯއެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން އިންޑިޔާ އާއި ދިވެހިރާއްޖެ ދެމެދު ޞިއްޙީ ދާއިރާގެ ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާކުރުންވެސް ހިމެނެއެވެ.އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަނީ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ޞިއްޚީ ދުޅަހެޔޮކަމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ.ޞިއްޚީ ދުޅަހެޔޮކަމާގުޅޭ ހަފްތާގައި ކުރިއަށް ގެންދާ ހެލްތް އެކްސްޕޯގައި އިންޑިޔާގެ މަޝްހޫރު 18 ހޮސްޕިޓަލަކުން ބައިވެރިވެ މައުލޫމާތު ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ވަގުތުން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހެދުމާއި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ފަރުވާތަކުގެ މަޢުލޫމާތު ލިބިގެންދާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.ހެލްތް އެކްސްޕޯ ކުރިއަށް ދާނީ ފެބްރުއަރީ 13 އިން 15 އަށް ދަރުބާރުގޭގައެވެ. މި އިވެންޓްގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ- ޕީއެސްއެމްއެވެ.