ޚަބަރު

"ރަކްޝާ ބަންދަން" އަށް ބެލުންތެރިންގެ ތަރުހީބު ކުޑަ


އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދިޔަ "ރަކްޝާ ބަންދަން" އަކީ އަހަރުގެ މިހާތަނަށް އަކްޝޭގެ ފިލްމެއްގައި އެންމެ ދަށް އޯޕަނިންގެ އޮތް ފިލްމަށްވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި މި ފިލްމު އެޅުވި ދުވަހު ލިބައިފައިވަނީ ފުރަތަމަ ދުވަހު ގާތްގަނޑަކަށް 8 ކްރޯޑް ރުޕީސްއެވެ.

"ރަކްޝާ ބަންދާން" ގައި ދައްކަނީ އަކްޝޭގެ އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކޮއްކޮއިންގެ ކައިވެނި ކުރުމަށް އަކްޝޭ ކުރާ މަސައްކަތަކެވެ. މި ފިލްމުގައި ލުއި ކާނާ ވިއްކާ ފިހާރައެއް ހިންގާ އަކްޝޭ ވަނީ އޭނާގެ ކައިވެނި ކުރާނީ ހަތަރު ކޮއްކޮއިންގެ ކައިވެނި ކޮށްދީފައިކަމަށް ވައުދުވެފައެވެ.

އަކްޝޭގެ ލޯބިވެރިޔާގެ ރޯލުން ފެންނަނީ "ޓޮއިލެޓް" ގައިވެސް އަކްޝޭއާއިއެކު ފެނިފައިވާ ތަރި ބޫމީ ޕަދްނޭކަރެވެ. ލާލާ ކެޑާނާތުގެ ރޯލުން އަކްޝޭ ފެންނަނައިރު މި ފިލްމުގައި އަކްޝޭގެ އަންހެން ކޮއްކޮއިންގެ ރޯލުތަކުން ފެނިގެންދާނީ ސާދިޔާ ޚަތީބް، ދީޕިކާ ޚަންނާ، ސްމްރިތީ ސްރީކާންތު އަދި ސަހެޖްމީން ކައުރެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓުކޮށްފައިވާ މި ފިލްމު އަޅުވާ ދުވަހު 7.5 ކްރޯޑް ރުޕީސް އާއި 8 ކްރޯޑް ރުޕީސްއާއި ދެމެދެގެ އާމްދަނީއެއް ލިބޭނެކަމަށް މީގެކުރިންވެސް ވަނީ ލަފާކޮށްފައެވެ.

"ރަކްޝާ ބަންދަން" ގެ އިތުރުން އާމިރުޚާނާއި ކަރީނާ ކަޕޫރު ލީޑް ރޯލުން ފެންނަ "ލާލް ސިންގް ޗައްޑާ" ވެސް ބުރާސްފަތި ދުވަހު ވަނީ ސިނަމާތަކުގައި ދައްކަން ފަށާފައެވެ. އާމިރުގެ ފިލްމަށް ފުރަތަމަ ދުވަހު ގާތްގަނޑަކަށް 10 ކްރޯޑް ރުޕީސް އާއި 11 ކްރޯޑް ރުޕީސްއާއި ދެމެދުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

"ރަކްޝާ ބަންދަން" އަކީ އަކްޝޭގެ މި އަހަރު ރިލީޒްކުރި 3 ވަނަ ފިލްމެވެ. އޭނާގެ ކުރީގެ ފިލްމުތައްކަމުގައިވާ "ބައްޗަން ޕާންޑޭ" އަށް ފިލްމު އެޅުވި ދުވަހު 13.5 ކްރޯޑް ރުޕީސް ލިބުނުއިރު "ސަމްރަތު ޕްރިތްވިރާޖް" އަށް ލިބުނީ 10.7 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ.