ކުޅިވަރު

ރިސޯޓް ލީގު: ޕެނަލްޓީގައި އަނަންތަރާ ބަލިކޮށް ސެމީގެ ފަހު ޖާގަ ބޮލިފުއްޓަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލޭ ޒޯނުގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އަނަންތަރާ ބަލިކޮށް ސެމީ ފައިނަލުގެ ފަހު ޖާގަ ބޮލިފުށިން ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގައި ބޮލިފުއްޓާއި އަނަންތަރާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި އަނަންތަރާއިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ބޮލިފުށިން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީ ޝޫޓްއައުޓްގައި ބޮލިފުށިން ކުރި ހޯދީ 4-6 ގެ ނަތީޖާއަކުންނެވެ.

މި މެޗާއެކު ސައުތު މާލޭ ޒޯނުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ޔަގީންވެފައެވެ. ހޮނިހިރު ދުވަހުގެ ހަވީރު ސެމީފައިނަލް މެޗުތައް ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަ މެރީނާ އާއި ސާއި ލެގޫންއެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބޮލިފުއްޓާއި ވެލައްސަރެވެ.

ސެމީ ފައިނަލަށް ވެލައްސަރު ދަތުރުކުރީ ކުއާޓާގައި ހާޑް ރޮކާ ވާދަކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ދަ މެރީނާ ސެމީން ޖާގައެއް ހޯދީ ކުއާޓާގައި މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ފިހާޅޮހި 6-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މީގެ އިތުރުން ސާއީ ލެގޫން ސެމީއަށް ދަތުރުކުރީ ކުއާޓާގައި ކަނޑޫމާ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ކްރޮސްރޯޑްސްގައި ކުރިއަށްދާ ސައުތު މާލޭ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ހަވީރެވެ.