ދުނިޔެ

މަރްމަރާ ކަނޑުގެ އައްސޭރިފަށަށް 9 މީހެއްގެ ހަށިގަނޑު ލައްގައިފި


ތުރުކީވިލާތުގެ ހުޅަނގުގައިވާ މަރްމަރާ ކަނޑުގެ އައްސޭރިފަށަށް މަރުވެފައިވާ 9 މީހެއްގެ ހަށިގަނޑު ލައްގައިފިކަމަށް އެޤައުމުގެ ކޯސްޓްގާޑުން ހާމަކޮށްފިއެވެ.ތުރުކީވިލާތުގެ ކޯސްޓް ގާޑުން ބުނީ މިއީ މަރްމަރާ ކަނޑު ހުރަސްކޮށް ގްރީސްއަށް ދިޔުމަށް ދަތުރުކުރި ރެފިއުޖީންގެ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން ޣަރަގުވެގެން މަރުވި މީހުންގެ ހަށިތަކެއް ކަމަށް ބެލެވޭކަމަށާ ތުއްތު ދެކުއްޖެއްގެ ހަށިތައްވެސް ހިމެނޭކަމަށެވެ.ތުރުކީވިލާތުގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް ގްރީސްއަށް ދަތުކުރާ ރެފިއުޖީންގެ ބޯޓުތައް އެންމެ ގިނައިން ދަނީ ގްރީސްގެ ސާމޯސް ޖަޒީރާއަށެވެ.ރެފިއުޖީން ވިލާތުގެ ޤައުމުތަކަށް ދިޔުމަށް ކުރާ މިބާވަތުގެ ދަތުރުތަކުގައި ކަނޑަށް ޣަރަގުވުމުގެ ސަބަބުން މަރުވެފައިވާ އެތަށް ބައެއްގެ ހަށިތައް މިދިޔަ އަހަރުގެ ފަހުކޮޅުގައިވެސް އަދި މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައިވެސް ތުރުކީވިލާތުގެ ހުޅަނގު އައްސޭރިފަށުގެ ގޮނޑުދޮށްތަކަށް ލައްގާފައިވެއެވެ.ތުރުކީވިލާތުގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް ވިލާތުގެ ބައްރަށް ހިޖްރަކުރާ ރެފިއުޖީންގެ ގާތްގަނޑަކަށް ހަތްދިހަ އިންސައްތައަކީ ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީން ކަމަށް އދ. ން ބުނެއެވެ.