ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސްއަށްވުރެ ޑިޒްނީގެ ސަބްސްކްރައިބަރުން އިތުރުވެއްޖެ


ނެޓްފްލިކްސްއަށްވުރެ ޑިޒްނީގެ ސަބްސްކްރައިބަރުން އިތުރުވެއްޖެއެވެ.

މިއާއިއެކު ޑިޒްނީން އަންނަނީ ޑިސެމްބަރުމަހު އެމެރިކާގައި އާ އެޑް ސަޕޯޓްޑް ސްޓްރީމިންގ ހިދުމަތެއް ތައާރަފްކުރަން ތައްޔާރުވަމުންނެވެ.

ޖުލައި މަސް ފެށުނުއިރު ޑިޒްނީގެ 221.1 މިލިއަން ސަބްސްކްރައިބަރުން ތިބިކަމަށް އެ ކުންފުނިން ބުނެއެވެ. މިއާއެކު މިހާރުވެސް ސަބްސްކްރައިބަރުން މަދުވަމުންދާ ނެޓްފްލިކްސް ވަނީ ފަހަތަށް ޖައްސާލާފައެވެ.

އިންޑިއާގައި ކްރިކެޓްގެ ސްޓްރީމިން ރައިޓްސް ގެއްލިގެން ދިއުމުން ކުރިން ލަފާކުރި ގޮތަށް ސަބްސްކްރައިބަރުން މަދުވާނެކަމަށް ޑިޒްނީން ބުނެއެވެ.

މި ކުއާޓަރުގައި ޑިޒްނީއިން 14.4 މިލިއަން ޑިޒްނީ ޕްލަސް ސަބްސްކްރައިބަރުން އިތުރުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ސަބްސްކްރައިބަރުންނަކީ އެމެރިކާއިން ބޭރު މީހުންނެވެ. އަދި މިއީ ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރިވަރަށްވުރެ މާބޮޑަށްވެސް އިތުރު އަދަދެކެވެ.

މިއަހަރުގެ ފަހުކޮޅު އެޑް ފަންޑުކޮށްގެން އާ ހިދުމަތެއް ތައާރަފްކުރާއިރު، އެ ހިދުމަތުން ސަބްސްކްރިޕްޝަން ރޭޓުގެ ގޮތުގައި ނަގާނީ ކުރިންވެސް ނަގާ އަދަދު ކަމަށްވާ 7.99 ޑޮލަރެވެ. އިޝްތިހާރު ނުކުރާ ހިދުމަތުގެ އަގު މަހަކު 10.99 ޑޮލަރަށް އަރާނެއެވެ.

ކަސްޓަމަރުންނަށް ގެއްލިދާނެތީ މިހާރު ހުރި އަގުތައް ދިގު މުއްދަތަކަށް އިތުރަށް އުފުލުމަށް ނިންމާފައިނުވާ ކަމަށް ކުންފުނީގެ އެގްޒެކެޓިވުން ވިދާޅުވެއެވެ. އަދި އާ ހިދުމަތަށް އިޝްތިހާރު ކުރަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރާކަމަށްވެސް ޑިޒްނީއިން ބުނެއެވެ.

ޑިޒްނީގެ ސަބްސްކްރައިބަރުންނަށް ބޮޑު ޚަރަދެއް ކޮށްފައިވާއިރު، ޑިޒްނީގެ ސްޓްރީމިން ވިޔަފާރިއަށް މި ކުއާޓަރުގައި 1.1 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ.

އޭޕްރީލް-ޖޫން މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 26% އަށް ދަށްވެ، 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

ޖެނެރަލް އޯޑިއެންސް ޓެލެވިޜަން ޕްލެޓްފޯމް ހޫލޫ އާއި ކުޅިވަރަށް ފޯކަސް ކުރާ އީއެސްޕީއެން ޕްލަސްވެސް ހިންގާ ޑިޒްނީއިން ބުނިގޮތުގައި ޑިޒްނީ ޕްލަސްއަށް އޮތް ޑިމާންޑް އަދިވެސް އޮތީ ވަރަށް ވަރުގަދައެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ފުރަބަންދުކުރިއިރު ޑިޒްނީ ފަދަ ސްޓްރީމިން ހިދުމަތްތަކަށް ކުރިއެރުން ލިބިފައިވާއިރު، ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުންވެސް އާ ކަސްޓަމަރުން ޝައުގުވެރި ކުރުވުމަށް ހުރަސް އެޅިދާނެކަމަށް ލަފާނުކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.

ނެޓްފްލިކްސްގެ އެންމެ ފަހުގެ ކުއާޓަރުގައި ގާތްގަނޑަކަށް އެއް މިލިއަން އެކައުންޓް ގެއްލިފައިވާއިރު، އެ ކުންފުނީގެ ސަބްސްކްރައިބަރުންގެ ޖުމްލަ އަދަދަކީ 220.67 މިލިއަންއެވެ.