ސިއްހަތު

ރާއްޖޭގައި ޒިކާ ވައިރަސް އުޅެފާނެކަމުގެ ހެއްކެއް އަދި ނުފެނޭ


ޒިކާވައިރަސް ރާއްޖޭގައި އުޅެފާނެކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.ރާއްޖޭގައި ޒިކާ ވައިރަސް ފެތުރުނަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާބެހޭގޮތުން ހެލްތް މިނިސްޓްރީން މިހާރު ވަނީ ޓާސްކްފޯހެއްވެސް އެކުލަވައިލައްވާފައެވެ.ޒިކާ ވައިރަސް ދުނިޔޭގައި ފެތުރުމުގެ ބިރު އެބައޮތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫއެޗްއޯއިން ވަނީ އަންގާފައެވެ. މި ބަލި ކޮންޓްރޯލްކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރުމަށްވެސް ޑަބްލިޔޫއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.ޑެންގީހުން ފަތުރާ އީޑީސް މަދިރިން ޖެހޭ ޒިކާ ވައިރަހަކީ ޑެންގީއާ ދާދި އެއްކަހަލަ އަލާމާތްތަކެއް ހުންނަ ބައްޔެކެވެ. ލެޓިން އެމެރިކާގެ ޤައުމުތަކުގައި މިބަލި ފެތުރެމުންދާތީއާއި، ބްރެޒިލްގައި ޒިކާވައިރަސް ފެތުރެމުންދިޔަ ދުވަސްވަރު ބަލިޖެހިފައިވާ މީހުން ވިހާ ކުދިންނަށް ދިމާވެފައިވާ މި ބަލީގެ ސަބަބުން އަލަށް ވިހާ ކުދިންގެ ތެރެއިން މައިކްރޯސެފަލީގެ ކުދިން އާދަޔާ ޚިލާފަށް ގިނަވެފައިވާކަމަށް ވަނީ ފާހަގަކުރެވިފައެވެ.ރާއްޖޭގެ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް މިއަދު މީޑިއާއާ ބައްދަލުކުރައްވައި ސަރުކާރުގެ ފަރާތުން ޔަޤީންކޮށްދެއްވި ގޮތުގައި މިހާތަނަށް ކުރެއްވި ތަޙްލީލްތަކުން ރާއްޖޭގައި ޒިކާވައިރަސް އުޅެފާނެކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ޒިކާ ވައިރަސްއިން ރައްކާތެރިވުމަށް ކުރައްވަންންޖެހޭ ތައްޔާރީތައް މިއަހަރު ފެށުނީންސުރެ ކުރައްވަމުން ގެންދަވާކަމަށެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ޒިކާއަށް ޝައްކުކުރެވޭ ފަދަ ކޭސްއެއް ފެނިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޓީމަކާ ގުޅިވަޑައިގެން މިހާރު ކަނޑައަޅުއްވައިފައިވާ ކަމަށެވެ.ޞިއްޙީ ޚިދުމަތްތެރިންނަށް މިބައްޔާގުޅޭ މަޢުލޫމާތު ދެއްވުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށާއި، މިބައްޔަކީ މަދިރީގެ ޒަރީޢާއިންޖެހޭ ބައްޔަކަށްވާތީ މަދިރި ކޮންޓްރޯލްކުރުމުގައި ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީން ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިބައްޔަށް ޢާންމުން ހޭލުންތެރިކުރުވުމަށްޓަކައި ޚާއްޞަ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ.ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މި ވައިރަސް ރޯގާއަކީ "ޕަބްލިކް ހެލްތް އިމަރޖެންސީ ފޯރ އެމަރޖެންސީ ކޮންސަރން" އެއްކަމަށް ކަނޑައެޅުއްވީ އިއްޔެއެވެ. އަދި މި ބަލި ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރެއްވުމަށް ޑަބްލިއު.އެޗް.އޯއިން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ޒިކާ ވައިރަސް ފެތުރޭ ޤައުމުތަކަށް ދަތުރުނުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ލަފާދީފައެއް ނުވެއެވެ.