ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މެރިން އެކްސްޕޯ 2022އަށް ޒިޔާރާތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު، މެރިން އެކްސްޕޯ 2022އަށް ޒިޔާރާތްކުރައްވައިފިއެވެ.

މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މެރިން އެކްސްޕޯއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ވަކިވަކިން ޒިޔާރާތްކުރައްވާ ބައްލަވާލައްވާފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓަކަށްވާއިރު މިއީ މޯލްޑިވްސް މެރިން އެކްސްޕޯ ބާއްވާ 7 ވަނަ އަހަރެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މެރިން އެކްސްޕޯ މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

މިއެކްސްޕޯގައި މީޑިއާތަކާއި ވާހަކަދައްކަވަމުން މޯލްޑިވްސް ބޯޑިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ އެކްސްޕޯ ބޭއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ މިކަހަލަ އިވެންޓްތައް ބޭއްވުމަށް ރާއްޖޭގައި ރަނގަޅު ތަނެއް ނެތުންކަމަށެވެ. އެހެންނަމަވެސް ހުރި ގޮންޖެހުންތަކާއިއެކުވެސް އުންމީދަކީ ކުރިއަށްއޮތްތާނގައި މި އިވެންޓަކީ ރާއްޖެ ތަމްސީލު ކުރާވަރު އިވެންޓަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި އިވެންޓަކީ މެރިން އިންޑަސްޓްރީގެ މާކެޓް ޕްލޭސްގެ ގޮތުގަ ބާއްވާ އިވެންޓެއް. އިންޖީނާއި އަދި އޭގެ އިތުރުން ބޯޓު ބިލްޑަރުންނާ އަދި ދޭ ޚިދުމަތްތަކުގެ ތަފާތު ބައިވެރިން މި އެގްޒިބިޝަނުގަ ބައިވެރިވޭ. ދެން މިދިޔަ އަހަރު އަލަށް އިތުރު ކުރެވުނު މެރިން ފުޑްސްގެ ކޮމްޕޯނަންޓްވެސް ވަރަށް ރަނގަޅަށްދަނި" މޯލްޑިވްސް ބޯޑިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިއަހަރުގެ އެކްސްޕޯގައި މިދިޔަ އަހަރަށްވުރެ ގިނަ ބޯޓުތަކެއް ޑިސްޕްލޭކޮށްފަ ހުރިކަމަށެވެ. އަދި ދެން އަންނަ އެކްސްޕޯއެއް މޫދާއި އެއްކޮށް އޮންނަ ތަނެއްގަ ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރުން އަސްލު ބޯޓު ރިއަލް ޓައިމްގަ ކްރޫ އެކްސެސް ކުރާ ގޮތާ ވޯޓާ ސްޕޯޓްސްވެސް އެކްސްޕީރިއަންސް ކޮށްލެވޭނި. އެކަން ކުރުމަށް އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ފަށާފިން" މޯލްޑިވްސް ބޯޑިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އައި އެކްސްޕޯ ވަނީ ކޯވިޑާއި ގުޅިގެން އެއް އަހަރު ދުވަހުގެ މެދުކެނޑުމެއް އައިސްފައެވެ. އެހެންނަމަވެސް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކާމިޔާބުކަމާއިއެކު އެކްސްޕޯ މިވަނީ ފަށާފައެވެ.

މި އެކްސްޕޯ އަކީ ދިވެހިރާއްޖެގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީން ބްރޭންޑްތަކާއި، ބައިނަލްއަޤްވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސްއާއި ޑައިވް ބްރޭންޑްތައް ވަނީ ބައިވެރިވެފައެވެ.

މި އެކްސްޕޯގެ ތެރެއިން އައު ޕްރޮޑަކްޓްތައް ލޯންޗްކުރުމާއި، ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުންފަދަ ސެޝަންތައް ފޯރުކޮށްދޭ ޕެނަލް ޑިސްކަޝަންތަކުގެ އިތުރުންވެސް އެތައް ހަރާކާތްތަކެއް ކުރިއަށްދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.