ޚަބަރު

"އައު ޢިމާރާތާއެކު އުނގޫފާރު ހޮސްޕިޓަލުގެ ޚިދުމަތް އެތައް ގުނައަކަށް ފުޅާވެ ފުރިހަމަ ވާނެ"


އަތޮޅުތަކުގައި ދެވޭ ސިއްޙީ ޚިދުމަތް ފުޅާކޮށް ޚިދުމަތްހޯދުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކޮށް އަވަސް، ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރ.އުނގޫފާރު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރުމަށް ހަދާ އައު ޢިމާރާތުގެ މަސައްކަތް މިފެށޭ ސެޕްޓެމްބަރު މަހު ނިމޭނެއެވެ. އައު ޢިމާރާތް ނިމި ޚިދުމަތް ދޭންފަށާނީ މިހާރު އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް އައު ޚިދުމަތްތަކާ އެކުގައިކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ރާއްޖޭގެ 6 ސަރަހައްދެއްގައި ހުރި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކޮށް މާލޭކޭ އެއްފެންވަރުގެ ސިއްޙީ ޚިދުމަތެއް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުންވެސް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ނ.ރ.ބ.ޅ މިސަރަހައްދަށް ޚާއްސަކޮށްގެން ޤާއިމުކުރާ ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި ތަަރައްޤީ ކުރަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ.

މިހާރުވެސް ނިސްބަތުން ބަލާއިރު ގިނަ ޚިދުމަތްތަކެއްލިބޭ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށްޓަކައި، އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް އަންނަމަހު މުޅިން ނިންމޭނެއެވެ. މި ޢިމާރާތުގެ އެތެރޭގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައެވެ. މިހާރު ކުރަމުންދަނީ ފިނިޝިންގެ ކުދި މަސައްކަތްތަކާއި ހޮސްޕިޓަލުގެ ގޯތިތެރޭގައި، ހަދާ މީހުން މަޑުކޮށްލާ ސަރަހައްދު ހިޔާކުރުމުގެ މަސައްކަތެވެ.

މިޢިމާރާތަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޕެނަލްވެސް މިހާރު ގެންގޮސްފައިވާއިރު، ކަރަންޓް ގުޅުމުގެ މަސައްކަތް މިމަހުގެތެރޭގައި ކުރާނެކަމަށް އެހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސް އިބްރާހީމް ޒަޔާން ވިދާޅުވިއެވެ.

ތިރީ ބުރިއާއި އިތުރު ދެފަންގިފިލާހުންނަ މި ޢމާރާތް މުޅިން ނިމުމުން ޚިދުމަތްތައް ފޯރުކޮށްދިނުން މިހާރަށްވުރެ މާއަވަސްވެ ގިނަ މީހުންނަށް އެއްފަހަރާ ޚިދުމަތްދެވޭނެކަމަށް އެހޮސްޕިޓަލުން ވިދަޅުވެއެވެ. މިހާރު ދުވާލަކު 400 މީހުންނަށް، ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދެވޭއިރު އައު ޢިމާރާތް ނިމުމުން 800 މީހުނަށް އެ ޢަދަދު އިތުރުވެގެންދާނެކަމަށް ޒަޔާން ވިދާޅުވިއެވެ.

އިމާރާތުގެ ތިރީ ބުރި ޚާއްސަވާނީ އީއާރުގެ ޚިދުމަތަށާއި މުޅިން އަލަށްދޭ ޓްރީއޭޖްގެ ޚިދުމަތާއި ރޭޑިއޮލޮޖީ ޚިދުމަތްތަކަށެވެ. ޒަޔާން ވިދާޅުވީ އާއިމާރާތާއެކު ރޭޑިއޮލޮޖީގެ ޚިދުމަތް އިތުރުރަށް ފުޅާވެގެންދާނެކަމަށެވެ. އެގޮތުން އެޑިޕާޓްމަންޓުން ދެވޭ ޚިދުމަތްތަކަށް ބަލާއިރު، އަލްޓްރާ ސައުންޑް ސްކޭން އެކްސްރޭ، މެމޯގްރަޕީ، ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން އީއާރުގެ ޚިދުމަތްވެސް ފުޅާވެގެންދާނެއެވެ.

މިހާރު އެހޮސްޕިޓަލުގައި އީއާރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަނީ 2 އެނދުގެ ކޮތަރިއެކެވެ. އައު ޢިމާރާތާއެކު 10 އެނދުގެ އީއާރު ކޮޓަރިއަކަސް އެތަން ބަދަލުވާނެކަމަށް ޒަޔާން ވިދާޅުވިއެވެ. އެހެންކަމުން އެއްވަގުތެއްގައި ޚިދުމަތްދެވޭ އަދަދު އިތުރުވެގެން ދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ލެބޯޓްރީއާ އޮޕްރޭޝަންކުރާ 2 ތިއޭޓަރ ހުންނާނެއެވެ. މިހާރު އެހޮސްޕިޓަލުގައި ހުންނަނީ އެންމެ އޮޕްރޭޝަން ތިއޭޓަރެކެވެ. ޖުމްލަ 3 ތިއޭޓަރަށް ބަދަލުވާއިރު، މިހާރު ބޭނުންކުރާ އޮޕްރޭސަން ތިއޭޓަރ ބަދަލުވާނީ ސިޒޭރިއަން ހެދުމަށް ޚާއްސަ ތަނަކަށް ކަމަށާ، އާ ދެތިއޭޓަރުގެ ތެރެއިން އެއް ތިއޭޓަރު ކަށީގެ އޮޕަރޭޝަންތަކަށް ޚާއްސަ ތަނަކަށް ބަދަލުކޮށް އަނެއް ތިއޭޓަރު ޢާންމު އެހެނިހެން އޮޕްރޭޝަންތަކަށް ޚާއްސަ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ޕްރައިވެޓް ނުވަތަ އަމިއްލަ ކޮޓަރިތަކާއި ފިޒިއޮތެރަޕީގެ ޚިދުމަތަށެވެ. މިހާރު އެ ހޮސްޕިޓަލުގައި ޕްރައިވެޓް ވޯޑްގެ ގޮތުގައި ހުންނަނީ 10 ކޮޓަރިއެވެ. އާ ޢިމާރާތާއެކު އެޢަދަދު 16އަށް އިތުރުވެގެންދާނެއެވެ. އަލަށް ހެދި ކޮޓަރިތަކުގައި މަތީފަންތީގެ ކޮޓަރިއެއްވެސް ހުންނާނެކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. ފިޒިއޮތެރަޕީގެ ޚިދުމަތަކަށް ބަލާއިރު އިމާރާތުގެ ދަތިކަމާހުރެ މިހާރު ޚިދުމަތް ފޯރުކޮށްދެވެނީ ދުވާލަކު 3 ނުތަ 4 މީހުންނަށެވެ. އެހެންނަމަވެސް މިކަމަށް ޚާއްސަ ބައެއް ހުރުމުން ދުވާލަކު މަދުވެގެން 6 މީހުންނަށް ދެން ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޒަޔާން ވިދާޅުވީ މިހާ ގިނަބަޔަކު ކޮންމެ ދުވަހަކު ޑޮކްޓަރަށް ދައްކަމުން އަންނައިރު، ކެޕޭސިޓީ ކުޑަވުމުގެ ސަބަބުން ޓެސްޓްތައް ހެދުންވެސް ލަސްވާކަމަށެވެ. ނަމަވެސް އާ އިމާރާތާއެކު އަލްޓްރާ ސައުންޑް ސްކޭން، ސީޓީ ސްކޭން، ހެދުންފަދަ ކަންކަމަށް އެކްސްރޭ މެޝިން އިތުރުކޮށް ކެޕޭސިޓީ އިތުރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ހެދި އިމާރާތް ނިމި ޚިދުމަތް ދޭންފެށުމުން އީއެންޓީ ނުވަތަ ކަރުންމަތީގެ ޚާއްސަ ބަލިތަކަށާއި ލޮލުގެ ބަލިތަަކަށް ފަރުވާ ދިނުމާއި އެންއައިސީޔުއާއި އައިސީޔޫގެ ޚިދުމަތް ވެސް މިހާރަށްވުރެ ފުޅާވެގެން ދާނެއެވެ.

އާއިމާރާތުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެތެރޭގައި ނިމޭއިރު، އެއިމާރާތުން ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އުނގޫފާރު ރީޖަަލްހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސް އިބްރާހީމް ޒަޔާން ވިދާޅުވިއެވެ.