ޚަބަރު

ބީއެމްއެލްގެ އެހީ އާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި


ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެވެ.

މި ޕްރޮޖެކްޓް ހިންގާފައިވާ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް ގެ ފަރާތުން ވަނީ ށ.މާއުނގޫދޫގެ މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައި މިވަނީ 25 ބައްތި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަމިއްޔާގެ ފަރާތުން މުހައްމަދު ޒާހިރު ވިދާޅުވީ މީގެ ކުރިން މި މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވާކަމަށާއި، އުންމީދަކީ މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށްވެ އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރިއެރުމެއް ލިބިގެންދިޔުން ކަމަށެވެ.

ބީއެމްއެލްއިން ހިންގާ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ މުޖުތަމައަށް ފައިދާކުރާ 70 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.