ވިޔަފާރި

މެރީނާ ތަރައްޤީކޮށް ހިންގުމާއި ގުޅޭ ސްޓްރެޓެޖީއެއް އެކުލަވާލަނީ


ދެމެހެއްޓެނިވި ގޮތަކަށް މެރީނާ ތަރައްޤީކޮށް ހިންގުމާއި ގުޅޭ ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން ފައްޓަވައިފިއެވެ. މި ސްޓްރެޓަޖީއަކީ ދެމެހެއްޓެނިވި ފަތުރުވުރިކަމުގެ ސިޔާސަތުގެ ދަށުންނާއި ޓުއަރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެދަށުން އެކުލަވާލެވޭ ސްޓްރެޓަޖީއެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.ޓުއަރިޒަމް މިނިސްޓްރިގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މޫސާ ޒަމީރު ހަސަން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރަމުންދާ ނިސްބަތަށް ބަލާ، ރާއްޖޭގައި މެރީނާތަށް އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން އެފަދަ މެރީނާތަށް ތަރައްޤީކޮށް ހިންގުމުގައި ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒުކުރުމަކީ މިސްޓްރެޓިޖީގެ މައިގަނޑު މަޤްސަދު ކަމަށް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. މިފަދަ ސްޓްރެޓެޖީއެއްގެ އެހީގައި ރާއްޖޭގައި މެރީނާތައް ތަރައްޤީކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިގެންދާނެއެވެ. އަދި ތަރައްޤީކުރެވޭ މެރީނާތައް ހިންގާނެ ގޮތްތައްވެސް މި ސްޓްރެޓެޖީގެދަށުން ކަނޑައެޅޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ދެމެހެއްޓެނިވި ގޮތަކަށް މެރީނާ ތަރައްޤީކޮށް ހިންގުމާއި ގުޅޭ މިސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިއަދު ވަނީ ކަމާގުޅޭ ދާއިރާތަކުގެ މުޢައްސަސާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވަމުންދަނީ އިނގިރޭސި ވިލާތުގެ ކަމާއިބެހޭ ފަންނީ މާހިރެކެވެ.