ގްރީސަށް ހިޖުރަކުރާ މީހުންނަށް އެހީތެރިވެދޭ 3 މީހެއްގެ ނަން ނޯބެލް ސުލްޙައިގެ އިނާމަށް ހުށައަޅާކަން އެޤައުމުން ހާމަކޮށްފިއެވެ. ގްރީސްއިން މި އިނާމަށް ނޮމިނޭޓްކޮށްފައިވަނީ 85 އަހަރުގެ އެމީލިއާ ކަމްވީސީއާއި 40 އަހަރުގެ މަސްވެރިއެއްކަމަށްވާ ސްޓްރާޓިސް ވަލިއާމޮސް އަދި ހޮލީވުޑްގެ ސޫސަން ސެރެންޑަންއެވެ. ގްރީސްގެ ޕަންތެއޮން ޔުނިވަރސިޓީގެ އިސްވެރިޔަކު ވިދާޅުވީ މި ނަންތައް ހޮވާލާފައިވަނީ ވިލާތުގެ ޤައުމުތަކަށް އެތެރެވަމުންދާ މީހުންނަށް ގްރީސް އިން ދޭ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި، ގްރީސް އިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެޤައުމަށް ކުރިމަތިވެފައިވާ މާލީ ޙާލަތުން ސަލާމަތްނުވާ ޙާލަތުގައި ކަމަށާއި، އެޤައުމުގެ އާދައިގެ ރައްޔިތުން މިޙާލަތުގައިވެސް ދައްކައިދީފައިވަނީ ލާމަސީލު މިސާލެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެމީލިއާ ކަމްވިސީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ ސޫރިޔާގެ ކުޑަކުއްޖަކަށް ކާންދޭ މަންޒަރުގެ ފޮޓޯ އާންމުވުމަށްފަހުއެވެ. ވަލިއާމޮސް އެތައް ރެފިއުޖީންނެއް ޣަރަގުވުމުން ސަލާމަތް ކޮށްދީފައިވާ ކަމަށްވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި، ސެރެންޑޮން ވަނީ ޑިސެމްބަރު މަހު ޢަމަލީ ގޮތުން ގްރީސްގެ އައްސޭރިފަށުގައި ތިބި ރެފިޔުޖީންނަށް އެހީގެ ސާމާނު ބަހައި، އެމީހުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީފައިވެއެވެ. ނޯބެލް ސުލްޙައިގެ އިނާމަށް ގިނަ ބަޔަކު ކުރިމަތިލާފައިވާއިރު، މި އިނާމު އިއުލާންކުރާނީ އޮކްޓޯބަރު މަހުއެވެ. ސުލްޙައިގެ އިނާމު ހޯދާ ފަރާތަށް 1.2 މިލިއަން ޑޮލަރުގެ އިނާމެއް ލިބޭނެއެވެ.