ކުޅިވަރު

ވާނާ އަލުން އަނބުރާ ލައިޕްޒީގަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އައި ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާ، ޖަރުމަން ލީގުގެ އާރްބީ ލައިޕްޒީގަށް އަލުން ސޮއިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވާނާ އަލުން އަނބުރާ ލައިޕްޒީގަށް ގޮސްފައިވަނީ 25 މިލިޔަން ޕައުންޑުގެ އަގަކަށެވެ.

ޗެލްސީން 2020 ވަނަ އަހަރު ވާނާ އެ ޓީމަށް ގެންގޮސްފައިވަނީ 45 މިލިޔަން ޕައުންޑުގެ އަގަކަށް ކަމުން، މިއީ އެ ޓީމަށް ލިބިގެންދިޔަ ގެންލުމެކެވެ. އަދި ވާނާއަށް އޭނާގެ އެންމެ މޮޅު ކުޅުން ޗެލްސީގައި ދެއްކޭ ގޮތް ވަނީ ނުވެފައެވެ.

ވާނާ ވަނީ ލައިޕްޒީގާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވާނާ ބުނީ އަލުން އަނބުރާ ލައިޕްޒީގަށް ބަދަލުވެ، އެ ކުލަބަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ވާނާ ޗެލްސީގައި ހޭދަކުރި ދެ ސީޒަނުގައި ވަނީ 89 މެޗު ކުޅެދީ 23 ލަނޑު ޖަހާދީފައެވެ. އަދި 2021 ވަނަ އަހަރު ޗެލްސީ އާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މީގެ ކުރިން ވާނާ ވަނީ ލައިޕްޒީގަށް 159 މެޗު ކުޅެދީ 95 ލަނޑު ޖަހާދީފައެވެ.