ކުޅިވަރު

ސެއިންޓް-ގިލޮއިސް ބަލިކޮށް ރޭންޖާސް ކޮލިފައިން ޕްލޭއޮފަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ތިންވަނަ ބުރުގައި ޔޫނިއަން ސެއިންޓް-ގިލޮއިސް ބަލިކޮށް ޕްލޭއޮފުން ރޭންޖާސް ޖާގައެއް ހޯދައިފިއެވެ.

މި މުބާރާތުގެ ޕްލޭއޮފުން ރޭންޖާސް ޖާގަ ހޯދީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސެއިންޓް-ގިލޮއިސްއެވެ. އެކަމަކު އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގު ރޭންޖާސްއިން ވަނީ 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޕްލޭއޮފުން ޖާގަހޯދާފައެވެ.

މި މެޗުގައި ރޭންޖާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ޓެވެނިއާއެވެ. އަދި މެޗުގެ 58 ވަނަ މިނެޓުގައި އެންޓޯނިއޯ ކޮލަކް ވަނީ ލަނޑެއް ޖަހައި، ރޭންޖާސްއަށް އެގްރިގޭޓް ނަތީޖާއައިން އެއްވަރުކޮށްދީފައެވެ.

އަދި އެގްރިގޭޓް ނަތީޖާއިން ރޭންޖާސްއިން ކުރި ހޯދީ މެޗުގެ 78 ވަނަ މިނެޓުގައި މަލިކް ޓިލްމަން ޖަހައިދިން ލަނޑުންނެވެ. މި މެޗްގެ އިތުރު ވަގުތުގައި ސެއިންޓް-ގިލޮއިސްގެ ލަޒާރޭ އަމާނީއަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މި މޮޅާއެކު ޕްލޭއޮފުން ރޭންޖާސް ޖާގަ ހޯދިއިރު، މިއީ ރޭންޖާސްއިން ޔޫރަޕުގެ މުބަރާތެއްގައި ދެ ލަނޑު ބައިކޮޅަށް ވަދެފައިވަނިކޮށް ފަހަތުން އަރައި މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.