ކުޅިވަރު

މޮނާކޯ ބަލިކޮށް ޕީއެސްވީ ކޮލިފައިން ޕްލޭއޮފަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ތިންވަނަ ބުރުގައި މޮނާކޯ ބަލިކޮށް ޕްލޭއޮފުން ޕީއެސްވީ އެއިންދޯވެން ޖާގައެއް ހޯދައިފިއެވެ.

މި މުބާރާތުގެ ޕްލޭއޮފުން ޕީއެސްވީ ޖާގަ ހޯދީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވަނިކޮށް، އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން، ކުޅުނު އިތުރު ވަގުތުގައި ޕީއެސްވީން ކާމިޔާބުކުރި ލަނޑާއެކު އެ ޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯއި ވީރްމަންއެވެ. އެކަމަކު މެޗު 58 ވަނަ މިނެޓުގައި ގިލޭރްމޯ މަރިޕާން ވަނީ ލަނޑެއް ޖަހައި، މޮނާކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ 70 ވަނަ މިނެޓްގައި ވިސާމް ބެން ޔެޑާ ޖަހައިދިން ލަނޑާއެކު, މި މެޗުގައި މޮނާކޯއިން ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެރިކް ގުޓިއަރޭޒް ވަނީ ލަނޑެއް ޖަހައި، ޕީއެސްވީ މި މެޗުން ސަލާމަތްކޮށްދީފައެވެ. އަދި މި މެޗުން ޕީއެސްވީ މޮޅުވި ލަނޑު 109 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.

މި މޮޅާއެކު މި މުބާރާތުގެ ކޮލިފައިން ޕްލޭއޮފަށް ޕީއެސްވީ ދަތުރުކޮށްފައިވާއިރު، ޕްލޭއޮފުގައި އެ ޓީމު ބައްދަލުކުރާނީ ރޭންޖާސްއާއެވެ.