ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހުޅުވައިފި


އިސްލާމީ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ގޭމްސް ކަމަށްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ތުރުކީގެ ކޮންޏާގައި ރަސްމީކޮށް ފަށައިފިއެވެ.

ދުނިޔޭގެ 55 ގައުމަކުން 4،200 އެތުލެޓީން ބައިވެރިވާ މި ފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހުގެރޭ ބާއްވާފައިވަނީ ކޮންޏާގެ މެޓްރޯޕޮލިޓަން މުނިސިޕަލްޓީ ސްޓޭޑިމުގައެވެ. މި ރަސްމިއްޔާތުގައި ގޭމްސް ރަސްމީކޮށް ހުޅުއްވައިދެއްވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނެވެ. މި ފަހަރުގެ ގޭމްސް ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ދިދަ އުފުލާފައިވަނީ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނާއި ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިޔާ އިސްމާޢީލް ވިލްދާނެވެ.

އެއާއެކު ހިމްނާ ވެފައިވަނީ 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދިދަ އުފުލާލި ފަހުން، ބައިނަލްއަގުވާމީ ބޮޑު ގޭމްސްއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައިލި ގައުމީ އެތުލެޓިކްސް ޓީމުގެ ފުރަތަމަ އެތުލީޓަށެވެ.

އަދި ވިލްދާން ވެފައިވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބާސްކެޓްބޯޅަ ތަރި އަޙްމަދު ޒަބީރު (ޒަބީ) ދިދަ އުފުލާލި ފަހުން، ބައިނަލްއަގުވާމީ ބޮޑު ގޭމްސްއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައިލި ފުރަތަމަ ބާސްކެޓްބޯޅަ ކުޅުންތެރިއާއަށެވެ.

މި ފަހަރުގެ އިސްލާމިކް ގޭމްސްގައި މި ފަހަރު ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާއިރު، އެ ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، އެތުލެޓިކްސް، ފެތުން އަދި ބާސްކެޓުގެ ތްރީ އޮން ތްރީއެވެ.

މި މުބާރާތަށް ދިޔަ ރާއްޖޭގެ ކޮންޓިޖެންޓުގައި 51 އެތުލީޓުންނާއި އޮފިޝަލުން ހިމެނެއެވެ. އަދި މި ގޭމްސްގައި ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން، އައިޝަތު ޝިފާނާ ވަޖީހެވެ. އެއާއެކު ޝިފާނާ ވެފައިވަނީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާ އަދާކުރާ ފުރަތަމަ އަންހެން މެންބަރަށެވެ.

މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރަމުން އަންނައިރު، މިއީ ރާއްޖޭން ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން 2017 ވަނަ އަހަރު އަޒަރުބައިޖާނުގެ ބަކޫގައި ބޭއްވި ސޮލިޑާރިޓީ ގޭމްސްގައިވެސް ރާއްޖޭގެ އެތުލީޓުން ވަނީ ވާދަކޮށްފައެވެ.