ކުޅިވަރު

ފަހަތުން އަރައި އެލްޓީ ބަލިކޮށް ޓީނޭޖް ސެމީއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ފަހަތުން އަރައި އެލްޓީ ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ކުލަބު ޓީނޭޖުން ހޯދައިފިއެވެ.

އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް ދޭއްގެ މެޗުން ޓީނޭޖް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އެލްޓީން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު ޗަންލަންގް ޗަމީރާއެވެ.

އޭގެ ފަހުން ޓީނޭޖުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ކެޕްޓަން އަޙްމަދު މުޙައްމަދު (އައްމަޑޭ) އާއި ބިދޭސީ ފޯވާޑް އަލީ އަޙްމަދު އަލީ އަފީފީއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 29 ވަނަ މިނެޓުގައި ޓީނޭޖުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަޙްމަދު މަޙްމޫދު ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ސާދިރްދިން އުގްލީއެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އެލްޓީއަށް އަލުން ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ހިލޭ ޖެހުމަކުން އެ ޓީމުގެ ޗަމީރާ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ފަހުން އެލްޓީގެ އިސްމާޢީލް ވިފާގް (އިއްސެ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްވެސް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެލްޓީގެ އާދަމް ލަރީފް (ރޮނާ) އާއި ބަދަަކަށް ކުޅެން ނުކުތް އިބްރާހީމް އިންހާލް އިސްމާޢީލަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެއާއެކު މެޗުގެ 82 ވަނަ މިނެޓުގައި ޓީނޭޖުން ވަނީ ފަހަތުން އަރައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މަޙްމޫދު ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަފީފީއެވެ.

މި މޮޅާއެކު ސެމީގެ ޖާގައެއް ޓީނޭޖުން ހޯދިއިރު، ގްރޫޕް ދޭއްގެ އެއްވަނައަށް އެ ޓީމު ޖެހިލީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ދެވަނައަށް ވެއްޓުނު އެލްޓީއަށްވެސް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ޓީނޭޖަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މި ނަތީޖާއާއެކު އެލްޓީއަށް ސެމީގެ ޖާގައެއް ދެން ލިބޭނީ، މި ގްރޫޕުގައި ހިމެނޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބުރާސްފަތި ދުވަހު މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗުން، އެ ޓީމު މޮޅު ނުވެއްޖެނަމައެވެ. އެކަމަކު އެ މެޗު ކާމިޔާބުކޮށް, ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް އެބައޮތެވެ.