ޚަބަރު

ކްރައިމިޔާގެ ވައިގެ ބަނދަރެއްގައި އެއްޗެއް ގޮވައި ފަސް މީހުން ޒަޚަމްވެއްޖެ


ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދެއް ކަމުގައިވާ ކްރައިމިޔާގެ ވައިގެ ބަނދަރެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން ފަސް މީހުން ޒަޚަމްވެއްޖެއެވެ. ރަޝިޔާ ސިފައިން ކްރައިމިޔާއަށް އަރައި، އ ސަރަޙައްދު ހިފާފައި ވަނީ 2014 ވަނަ އަހަރުއެވެ. އަދި، ކްރައިމިޔާއަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި މިހާރު އެ ޤައުމުން ދަނީ ބަލަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ކްރައިމިޔާގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި އޮންނަ ސާކީ އަސްކަރީ ވައިގެ ބަނދަރުގައެވެ. އެ ތަނުގައި 12 ގޮވުމެއް ގޮވާފައިވާ ކަމަށް މަންޒަރު ފެނުނު މީހުން ބުނެއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ތަނުގައި ހިނގި ހާދިސާއަކީ ޔޫކްރެއިނުގެ ހަމަލާއެއްގެ ސަބަބުން ހިނގާފައިވާ ހާދިސާއެއް ނޫން ކަމުގައެވެ. އަދި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމުގައި ވެސް ރަޝިޔާއިން ބުނެއެވެ.

ސާކީ ވައިގެ ބަނދަރުގައި ހާދިސާއެއް ހިނގާފައި ވަނީ، އެ ތަނުގައި ރައްކާކޮށްފައި ހުރި ބޮންތަކެއް ގޮވުމުން ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަދި، މި ހާދިސާގައި ރަޝިޔާގެ އަސްކަރީ އުޅަނދަކަށް ގެއްލުންވެފައި ނުވާ ކަމުގައި ވެސް ރަޝިޔާއިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއާއި ކްރައިމިޔާއަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަ ގަވަރުނަރު ވިދާޅުވެފައި ވީ ނަމަވެސް، ކްރައިމިޔާގެ ޞިއްޙަތާ ބެހޭ އިދާރާއިން ވަނީ މި ހަމަލާގައި ފަސް މީހުން ޒަޚަމްވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. މީގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމުގައި އެ އިދާރާއިން ބުނެއެވެ.