ޚަބަރު

ސޭންޑީގެ ނަމުން މަޝްހޫރު އެކްޓްރެސް އޮލިވިޔާ ނިއުޓަން-ޖޯން މަރުވެއްޖެ


މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އޮލިވިޔާ ނިއުޓަން-ޖޯން މަރުވެއްޖެއެވެ. އުމުރުން 73 އަހަރުގެ ނިއުޓަން-ޖޯން މަރުވީ އުރަމަތީގެ ކެންސަރު ބަލީގައެވެ. މީގެ 30 އަހަރު ކުރިން މި ބަލި ޖެހިފައިވާ ނިއުޓަން-ޖޯން މަރުވީ އެމެރިކާގެ ކެލިފޯނިޔާގައި އޭނާ ދިރިއުޅޭ ގޭގައެވެ.

އޮލިވިޔާއަށް މަޝްހޫރު ކަން ލިބިފައި ވަނީ 1978 ވަނަ އަހަރު ނެރުނު މިޔުޒިކަލްއެއް ކަމުގައިވާ "ގްރީސް"ގައި އޭނާ އަދާކޮށްފައިވާ "ސޭންޑީ" ރޯލުންނެވެ. އަދި އެއަށްފަހު އޭނާ މަޝްހޫރު ވެގެން ދިޔައީ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. އޭނާގެ ދެ ލަވަޔެއް ގްރެމީ އެވޯޑު ވެސް ހާސިލުކޮށްފައިވެއެވެ. އެއީ، 1974 ވަނަ އަހަރު އޭނާ ނެރުނު ސިންގަލް "އައި އޯނެސްޓްލީ ލަވް ޔޫ"އާއި 1982 ވަނަ އަހަރު ނެރުނު ސިންގަލް ކަމުގައިވާ "ފިޒިކަލް"އެވެ.

އުރަމަތީގެ ކެންސަރު ބަލި ޖެހިފައިވާ ކަން ނިއުޓަން-ޖޯންއަށް އެނގުނީ 1992 ވަނަ އަހަރުއެވެ. އަދި، އެއަށްފަހު އޭނާ ވަނީ، މި ބައްޔާ މެދު ހޭލުންތެރި ކަން އިތުރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި، އޭނާއަކީ މި ބައްޔާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރާ އޮލިވިޔާ ނިއުޓަން-ޖޯން ކެންސަރ ވެލްނެސް އެންޑް ރީސަރޗް ސެންޓަރުގެ ބާނީއެވެ.

ނިއުޓަން-ޖޯން އުފަންވީ 1948 ވަނަ އަހަރު އިންގްލެންޑުގެ އޮކްސްފޮޑްގައެވެ. އަދި، އުމުރުން ފަސް އަހަރުގައި އޭނާވަނީ، އޭނާގެ މައިންބަފައިންނާ އެކު، އޮސްޓްރޭލިޔާގެ މެލްބަންއަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. އޭނާ ބައްޕަ ބްރައިންލީ ނިއުޓަން-ޖޯންއަކީ، ދެވަނަ ބޮޑު ހަނގުރާމައިގައި "ކޯޑްބްރޭކަރ"އެއްގެ މަޤާމު ފުރާފައިވާ މީހެކެވެ. ނިއުޓަން-ޖޯންގެ ކާފައަކީ، 1954 ވަނަ އަހަރު ފިޒިކްސްގެ ދާއިރާއިން ނޮބެލް އިނާމު ހާސިލު ކޮށްފައިވާ މެކްސް ބޯންއެވެ.