ކުޅިވަރު

އެފްއޭއެމުން ކެޕިޓަލް ސިޓީ ޖޫރިމަނާކޮށްފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބު ޖޫރިމަނާކޮށްފިއެވެ.

މި ފަހަރުގެ މުބާރާތުގައި ކެޕިޓަލް ސިޓީ ހިމެނެނީ ގްރޫޕް ދޭއްގައެވެ. އެފްއޭއެމުން އެ ޓީމު ޖޫރިމަނާކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައި އޮތް ދެ މެޗަކަށް ހާޒިރުނުވުމުންނެވެ.

އެގޮތުން މި ފަހަރުގެ މުބާރާތުގައި މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެރޭ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކެޕިޓަލް ސިޓީން ކުޅެން ހަމަޖެހިފައި އޮތް މެޗަށް އެ ޓީމު ހާޒިރުވެފައެއް ނުވެއެވެ. އެ މެޗަކީ މި މުބާރާތުގައި ކެޕިޓަލް ސިޓީން ކުޅެން ހަމަޖެހިފައި އޮތް ފުރަތަމަ މެޗެވެ.

އަދި އޭގެ ފަހުން މި މަހުގެ ހަވަނަ ދުވަހުގެރޭ ޓެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށްވެސް ކެޕިޓަލް ސިޓީ ޓީމު ހާޒިރުވެފައެއް ނުވެއެވެ. އެ މެޗަކީ މި މުބާރާތުގައި ކެޕިޓަލް ސިޓީން ކުޅެން ހަމަޖެހިފައި އޮތް ފަހު މެޗެވެ.

އެއާއެކު އެ މައްސަލަ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވުމަށް މުބާރާތު ކޮމިޓީން ނިންމާފައިވާއިރު، އެ ކޮމިޓީން ވަނީ ކެޕިޓަލް ސިޓީ ޓީމަށް ފިޔަވަޅުވެސް އަޅާފައެވެ. އެގޮތުން ފުރަތަމަ މެޗަށް ހާޒިރުނުވުމުން 30،000 (ތިރީސް ހާސް) ރުފިޔާއިން ކެޕިޓަލް ސިޓީ ޖޫރިމަނާކޮށްފައިވާއިރު، އެކަން ތަކުރާރުކުރުމުން ވަނީ 50،000 (ފަންސާސް ހާސް) ރުފިޔާއިން އެ ޓީމު ޖޫރިމަނާވެސް ކޮށްފައެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ކެޕިޓަލް ސިޓީން ޖުމްލަ 80،000 (އަށްޑިހަ ހާސް) ރުފިޔާ ދައްކަން ޖެހޭނެއެވެ.

އެފްއޭއެމުން ކެޕިޓަލް ސިޓީ ޖޫރިމަނާކުރިއިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އަދި ގްރޫޕް ސްޓޭޖުގެ ހަތް މެޗުގައި އެ ޓީމު ކޮޅަށް 33 ލަނޑު ވަދެފައިވާއިރު، މުޅި މުބާރާތުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.