ކުޅިވަރު

ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ޖިބޫޓީ ބަލިކޮށްފި


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖިބޫޓީ ބަލިކޮށްފިއެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗު ގައުމީ ޓީޓީ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ.

މި މެޗުގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް ވަނީ 02-11، 09-11 އަދި 10-12 އިން ސެޓުތައް ގެންގޮސް މޮޅުވެފައެވެ. އަދި ދެވަނަ ގޭމްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅެން އެރިއިރު، އޭނާ ވަނީ ފަސޭހަކަމާއެކު މި ގޭމު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެއީ 03-11، 07-11 އަދި 03-11 އިންނެވެ.

މި މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ ދީމާ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ކުޅެންއެރިއިރު، މި ގޭމް ރަފާ އާއި ދީމާގެ ޕެއާއިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 10-12، 06-11 އަދި 06-11 އިންނެވެ.

މި މެޗުން ރާއްޖޭގެ ޓީމު މޮޅުވި ނަމަވެސް، އަންގާރަ ދުވަހު ކުޅުނު ދެވަނަ މެޗުން ރާއްޖެ ވަނީ ތުރުކީ އަތުން ސީދާ ތިން ގޭމުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ސިންގަލްސްގައި ޖުމާނާ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ދެވަނަ ސިންގަލްސްގައި ތުރުކީގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އަދި އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވާ އޮޒްގޭ ޔިލްމާޒާ ދެކޮޅަށް ރާއްޖޭގެ ދީމާ ނުކުތްއިރު، އެ ގޭމުން ދީމާ ބަލިވީ 3-2 ސެޓުންނެވެ. އަދި ތިންވަނައަށް ކުޅުނު ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ދީމާ އާއި ރަފާގެ ޕެއާ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މީގެ އިތުރުން މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިިރިހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުން ވަނީ އީރާން އަތުން ސީދާ ތިން ގޭމުން ބަލިވެފައެވެ.