ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒާއި ސަލީމް އައްޔަންކުރައްވައިފި


ހައިކޯޓުގެ ފަނޑިޔާރު ކަމަށް 2 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މިއަދު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް މިއަދު ޢައްޔަންކުރައްވައި ލިޔުން ހަވާލުކުރެއްވީ، މ.ގުލްޝަން އަލްއުސްތާޛާ ދީބާނާޒް ފަހުމީ އާއި ފ.ބިލެއްދޫ، މޯނިންގްވިލާ، އަލްއުސްތާޛު މުހައްމަދު ސަލީމަށެވެ. މި ދެ ފަނޑިޔާރުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒް އާއި ސަލީމު އައްޔަންކުރަން ނިންމަވާފައިވާކަން ޖޭއެސްސީން އިއުލާން ކުރައްވާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. ދީބާނާޒާއި ސަލީމް އައްޔަންކުރުމަށް ނިންމީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި ޢުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހުއެވެ.

އަލްއުސްތާޛާ ދީބާނާޒް ފަހުމީއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓަރ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އަދި އޭނާ ގެންދެވީ ސެޕްޓެންބަރު 2 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވަމުންނެވެ.

އަލްއުސްތާޛު މުޙައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު މުޙައްމަދު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.