ޚަބަރު

ޣައްޒާއަށް ވަދެވެން އޮންނަ މަގުތައް ހުޅުވާލައިފި


ޔަހޫދީން ޣައްޒާގައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ މަޢުޟޫމް 15 ކުޑަކުދިން ޝަހީދު ކޮށްލުމަށް ފަހު، ޣައްޒާއަށް ވަދެނިކުމެ ހަދަން އޮންނަ މަގުތައް އަލުން ހުޅުވައިލައިފިއެވެ. ޣައްޒާގެ ބޯޑަރުތައް އަލުން ހުޅުވައިލާފައި މި ވަނީ، ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮން އެޅުން ހުއްޓުވުމަށް މިޞްރުން އިސްނަގައިގެން ކުރި މަސައްކަތުގެ ދަށުންނެވެ.

ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގި 56 ގަޑިއިރަށް ދެމިގެންދިޔަ ލާއިންސާނީ އުދުވާންތަކުގައި ފަލަސްތީނުގެ 44 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި 15 ކުޑަކުދިން ވެސް ހިމެނޭއިރު، މި އުދުވާންތަކުގައި އެތައް ސަތޭކަ މުސްލިމުންނެއް ވަނީ ޒަޚަމް ކޮށްލާފައެވެ. ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ފަލަސްތީނުގެ މުސްލިމުން ދިރިއުޅޭ ގިނަ އަދަދެއްގެ ޢިމާރާތްތަކެއް ވަނީ ފުނޑުފުނޑުކޮށް ބިމާއި ހަމަކޮށްލާފައެވެ.

ޣައްޒާއަށް ވަދެނިކުމެ ވާން އޮންނަ މަގުތައް ޔަހޫދީން ހުޅުވައިލުމުން، އެ ތަނަށް ކާބޯތަކެއްޗާއިން ތެޔޮ އެތެރެކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ތެޔޮ ނުލިބުމުގެ ސަބަބުން، ޔާހޫދީންގެ ޢުދުވާންތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެން ޖެހިފައި އޮތީ ކަނު އަނދިރީގައެވެ. ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައީ އެންމެ 8 ގަޑިއިރަށެވެ.

ހަމަލާތައް ހުއްޓައިލުމަކީ ކާމިޔާބީއެއްގެ ގޮތުގައި، ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސްވެރިޔާ ޒިއާދު އަލްނަޚްލާ ވަނީ ސިފަ ކުރައްވާފައެވެ. ޔަހޫދީންގެ ޢުދުވާންތައް އަމާޒު ކޮށްފައި ވަނީ އެ ޖަމާޢަތުގެ އިސްވެރިންނަށެވެ. އަދި، ބައެއް ކޮމާންޑަރުން ޝަހީދު ކޮށްލައި، އަނެއް ބައި މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

މި އުދުވާންތަކާ ދެކޮޅަށް އެ ޖަމާޢަތުން ވަނީ ޔަހޫދީންނަށް ވަރުގަދަ ރައްދެއް ދީފައެވެ. މި ގޮތުން، އިސްރާޢީލަށް އަމާޒުކޮށް 1,000 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވައިލާފައިވެއެވެ. އިސްލާމިކް ޖިހާދުގެ ހަމަލާތަކާ ގުޅިގެން އިސްރާޢީލުގެ ދެކުނުގެ ރަށްތަކުގެ ރައްޔިތުން ދިރިއުޅެމުން ގޮސްފައި ވަނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ރައްޔިތުން ވެސް ދިރިއުޅެމުން ދިޔަ ހާލުގައެވެ.
އިސްރާޢީލުގެ ބޮޑުވަޒީރު ޔައިރު ލަޕިދު ވެސް ވަނީ އުދުވާންތަކަކީ ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޔަހޫދީން އަމާޒު ކުރި ގޮތަށް އިސްލާމިކް ޖިހާދު ޖަމާޢަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމުގައެވެ. އަދި އެންމެ ތިން ދުވަހުގެ ތެރޭގައި އެ ޖަމާޢަތުގެ ހުރިހާ ކޮމާންޑަރުން ނައްތައިލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ ޖަމާޢަތުން ވަނީ އޭނާގެ ވާހަކަތަކަށް ރައްދު ދީފައެވެ. "ޔަހޫދީން މަސައްކަތް ކުރީ މި ޖަމާޢަތް ނައްތައިލަން. އެ ކަން ވީ ބިލާހަކަށް. އެ ކަން ކާމިޔާބެއް ނުކުރެވުނު،" އިސްލާމިކް ޖިހާދުގެ ހިތްވަރާއި އަޒުމު ނުގުޑާ ކަން ފާހަގަކޮށް، އެ ޖަމާޢަތުގެ ތަރުޖަމާނެއް ބުންޏެވެ. ނަމަވެސް، ޔަހޫދީންގެ ހަމަލާތަކުގައި އެ ޖަމާޢަތުގެ އިސް ދެ ކޮމާންޑަރުންގެ އިތުރުން 20 މެންބަރުން ވަނީ ޝަހީދު ކޮށްލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

"ހަމަލާތައް ހުއްޓައިލުމަށް ހަދާފައިވާ އެއްބަސްވުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. އެއްބަސްވުން މުގުރައިލައި، އަނެއްކާ ވެސް ހަމަލާ ބަދަލު ކުރަން ފަށައިފި ނަމަ، ފަލަސްތީނާއި އިސްރާޢީލަށް ވެސް މި ކަމުގެ ގެއްލުން ބޮޑުވާނެ. އަދި، ފަލަސްތީނާއި އިސްރާޢީލާ ދެމެދު ޞުލްޙަ ޤާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ހީނަރު ކަމެއް އަންނާނެ،" މި ކަމާ ގުޅޭ ގޮތުން އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އ.ދ.އިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓޯރް ވެނެސްލެންޑް ވިދާޅުވިއެވެ.

ޣައްޒާގައި ވެރިކަން ކުރަމުން ދަނީ ހަމާސް ޖަމާޢަތުންނެވެ. އަދި، ޔަހޫދީންގެ ހަމަލާތަކުގައި އެ ޖަމާޢަތުން ބޭނުން ކުރާ އެއްވެސް ޢިމާރާތަކަށް ހަމަލާ ނުދިނުމަށް އެ މީހުން ވަނީ މަސައްކަތް ކޮށްފައެވެ. ސަބަބަކީ، އިސްލާމިކް ޖިހާދާއި އަޅައިބަލާއިރު ހަމާސްއަކީ މާ ބާރުގަދަ، އަދި މާ ނުރައްކާތެރި ޖަމާޢަތެކެވެ. ޔަހޫދީންގެ އުދުވާންތަކަށް ރައްދު ދިނުމުގައި ހަމާސް ޖަމާޢަތުން ބައިވެރިވެފައި ނުވާ ކަން ވެސް ފާހަގަ ކުރެވެއެވެ.