ޚަބަރު

ލުބުނާނުގައި ދިރިއުޅޭ ފަލަސްޠީނު މީހެއް މަރާލައިފި


ލުބުނާނުގައި ހުރި ފަލަސްތީނު ރެފިޔުޖީން ދިރިއުޅޭ ކޭމްޕެއްގައި ފަލަސްތީނުގެ ސެކިޔުރިޓީ އޮފިސަރެއް މަރައިލައިފިއެވެ. ލުބުނާނުގެ ދެކުނުގައި އޮންނަ ޢައިން އަލްޙިލްވާ ރެފިޔުޖީ ކޭމްޕުގައި ބަޑިޖަހައި މަރައިލާފައި ވަނީ ސާޢިދު އަލާދީން ކިޔާ މީހެކެވެ. އޭނާއަކީ، ރެފިޔުޖީ ކޭމްޕުގައި އަމަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހެކެވެ.

އަލާދީންގެ މަރުގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަން ލުބުނާނުގެ އޮފިޝަލުންނަށް އަދި ހޯދިފައެއް ނުވެއެވެ. އަދި، އޭނާ މަރައިލާފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް އަދި ސާފެއް ނޫނެވެ. އޭނާ މަރުވީ، ބަޑިޖަހައި ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ޢައިން އަލްޙިލްވާ ރެފިޔުޖީ ކޭމްޕުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ލުބުނާނުގެ ސަލާމަތީ ބާރުތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

އެ ކޭމްޕަކީ، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ ފަތަހަ ޖަމާޢަތާއި، ސުންނީ އެހެން ޖަމާޢަތްތަކަކަށް ނިސްބަތްވާ މެންބަރުން ދިރިއުޅޭ ކޭމްޕެކެވެ. ފަހަކަށް އައިސް، ފަތަހަ ޖަމާޢަތާއި، އެ ތަނުގައި ދިރިއުޅޭ އެހެން ޖަމާޢަތްތަކަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަން ފާހަގަ ކުރެވެއެވެ.