ޚަބަރު

ދެކުނު ކޮރެޔާގައި ފެންބޮޑުވެ ހަތް މީހުން މަރުވެއްޖެ


ދެކުނު ކޮރެޔާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި ހަތް މީހުން މަރުވެއްޖެއެވެ. ވެރިރަށް ސޯލްއަށް ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ހިސާބުތަކެއްގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސޯލްގެ ބައެއް ސަރަޙައްދުތަކަށް 141.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި، ދެކުނުގެ ސަރަޙައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި ވެސް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާ ކޮރިޔަން މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަން (ކޭ.އެމް.އޭ)އިން ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގެ މެދުތެރޭގެ ސަރަޙައްދުތަކަށް އިތުރަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ. މިއީ، ފާއިތުވި 80 އަހަރުގެ ތެރޭގައި އެ ޤައުމަށް މިހާ ބޯކޮށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ.

ކޮރެޔާގެ ކާރިސާތަކާ ބެހޭ އޮފީހުން ބުނީ، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި ސޯލްއިން ފަސް މީހުން މަރުވި ކަމުގައެވެ. އަދި، އިތުރު ދެ މީހުން މަރުވެފައި ވަނީ ސޯލްއާއި އިންވެގެން އޮންނަ ގިއޮންކީ ޕުރޮވިންސުންނެވެ. މީގެ ތެރެއިން ހަތަރު މީހަކު މަރުވީ، ފެންބޮޑުވުމުގެ ސަބަބުން ޢިމާރާތެއްގެ ތެރޭގައި ބަންދުވެގެންނެވެ.

ކަރަންޓުގައި ޖެހުމުގެ ސަބަބުން އިތުރު މީހަކު މަރުވެފައި ވާއިރު، އިތުރު މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ފެންބޮޑުވެގެން ގެއްލުންވި ބަސް ހުއްޓިއެއްގެ ދަށުންނެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި އިތުރު މީހަކު މަރުވި ކަމަށް ވެސް އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުންޏެވެ.