ޚަބަރު

އަހަރުގެ މިހާތަނަށް ދައުލަތަށް 15.7 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް


މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %42 އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ އެކަކުން ޖުލައިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 15.7 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 11.1 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، %42 އިތުރު އަދަދެެކެވެ.

ދައުލަތަށް ލިބޭ ޢާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ޓެކްސްއިން ލިބޭ ޢާމްދަނީ ކަމަށްވާއިރު، ޓެކްސް ޢާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 11.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާއެވެ.

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑުގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 5.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރީ 20.7 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދުތަކާއި އަޅާބަލާއިރު %23 އިތުރު ޢަދަދެކެވެ. ދައުލަތުގެ ޚަރަދު 20.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 15.5 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދެވެ. ރިކަރަންޓު ޚަރަދުތަކުގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކެވެ. އަހަރުގެ މިހާތަނަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 6.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 9.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުން ސަބްސިޑީސްއަށްކޮށްފައިވާ ހޭދަވަނީ 2.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ޢަދަދު ހުރީ 784.8 މިލިއަންގައެވެ.

ކޯވިޑަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި، ދައުލަތަށް ލިބެމުންދާ ޢާމްދަނީ އިތުރުވަމުންދާއިރު، ރަޝުއާ – ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތަކެތީގެ އަގުތައް ދަނީ ދުނިޔޭގެ ބާޒާރުގައި އުފުލެމުނެނެވެ. އެގޮތުން ތެލުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާއިރު، މީގެ އަސަރުތައް ރާއްޖޭގެ އިޤްތިސާދަށްވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުން ދަނީ މިހާލަތުގައިވެސް ހަރަދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫޢަ ވެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.