ޚަބަރު

ޒަޕޮރީޜިޔާ ޕްލާންޓަށް ދިން ޙަމަލާތައް ތަޙުޤީޤުކުރަން ޖެހޭ: ޔޫކްރެއިން


ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ރަޝިޔާއިން ދިން ރޮކެޓް ހަމަލާތަކެއް ތަހުޤީޤު ކޮށްދިނުމަށް ޔޫކްރެއިނުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައިފިއެވެ. ޒަޕޮރީޜިޔާގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަކީ، ވިލާތުގައި ހުންނަ މި ފަދަ އެންމެ ބޮޑު ޕްލާންޓެވެ.

އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)އަށް ޔޫކްރެއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޔެވްހެނީ ސިމްބަލިއުކް ވިދާޅުވީ، ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓުގައި މަސައްކަތް ކުރާ ޔޫކްރެއިނުގެ މުވައްޒަފުން ތިބީ ރަޝިޔާ ސިފައިންގެ ހައްޔަރުގައި ކަމުގައެވެ. އަދި، އެ މީހުން ރަހީނުކޮށް، އެ މީހުންނަށް ރަޝިޔާ ސިފައިން ބިރު ދައްކަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޒަޕޮރީޜިޔާ ހިފާފައި ވަނީ، ފެބުރުއަރީ 24ގައި ފެށި މި ހަނގުރާމައިގެ ކުރީ ކޮޅުގައެވެ. އަދި، ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ، ނިއުކްލިޔަރ ޕްލާންޓަށް ގެއްލުންދީ، ޔޫކްރެއިނުގެ ދެކުނުގެ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކަނޑައިލުމަށް ކަމުގައި ސިމްބަލިއުކް ވިދާޅުވިއެވެ. އެ ތަނަށް ދީފައިވާ ހަމަލާތަކާ ގުޅިގެން ނިއުކްލިޔަރ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އައި.އޭ.އީ.އޭ.އިން ވަނީ ކޮށްފައެވެ.

ނިއުކްލިޔަރ ރޭޑިއޭޝަން ލީކުވާ މިންވަރު ދެނެގަތުމަށް އެ ޕްލާންޓުގައި ޤާއިމު ކޮށްފައިވާ ނިޒާމަށް ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމުގައި ވެސް ސިމްބަލިއުކް ވިދާޅުވިއެވެ. އަދި، އެ ޕްލާންޓުން ރޭޑިއޭޝަން ލީކުވެއްޖެ ނަމަ އެ ކަން ދެނެގަނެވޭނެ ގޮތެއް މިހާރު ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އެ ތަނަށް ގެންލުންވެ، ނިއުކްލިޔަރ ރޭޑިއޭޝަން ލީކުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކަމުގެ އަސަރު ކުރާނީ ޔޫކްރެއިނަށް އެކަންޏެއް ނޫން. ވިލާތުގެ ހުރިހާ ޤައުމަކަށް އެ ކަމުން ނުރައްކާ ވާނެ. އެ ތަނުގައި ޝެރްނޮބީލްގައި ހިނގި ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް،" ސިމްބަލިއުކް ވިދާޅުވިއެވެ.

އެ ތަނަށް ހަމަލާދީފައި ވަނީ ރަޝިޔާ ސިފައިން ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރި ނަމަވެސް، ރަޝިޔާއިން ދަނީ އެ ކަން ދޮގު ކުރަމުންނެވެ. އަދި، އެ ޕްލާންޓަށް ގެއްލުން ލިބިފައި ވަނީ ޔޫކްރެއިނުގެ ސިފައިން ދިން ރޮކެޓް ހަމަލާތަކެއްގައި ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ. އަދި، އައި.އޭ.އީ.އޭ.ގެ ތަހުޤީޤީ ޓީމުތަކަށް އެ ތަނަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ދިނުމަށް ތައްޔާރަށް އޮތް ކަމުގައި ވެސް ރަޝިޔާއިން ބުނެއެވެ.