ޚަބަރު

މަޖިލީހުގެ ފަހު ދައުރު ފެށުމުން ގްރީން ޓެކްސް ނެގުމަށް އިޞްލާހު ހުށައަޅަނީ


ޓޫރިޒަމް ޤާނޫނުގެ ދަށުން ނަގަމުންދާ ގްރީން ޓެކްސް އަލުން ނެގުމަށް ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. ޓޫރިޒަމް ޤާނޫނަށް އިޞްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިމިވަނީ މިދިޔަ ޖުލައިމަހު ގެޒެޓުކޮށްފައިވާ ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާޙުގައި ގްރީން ޓެކްސް ނެގުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށުމަށް ހިމަނާފައިވާތީއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރަށް މަޖިލީސް ހުޅުވުމާއެކު ސަރުކާރުގެ ފަރާތުން މި ޤާނޫނަށް އިސްލާޙެއް ހުށައެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަައްޔިތުންގެ މަޖިލީސް ތިން ވަނަ ދައުރަށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.

ގްރީން ޓެކްސް ނެގުން މިހާރު ހުއްޓާލާފައިވާތީ، ދައުލަތަށް ލިބެން ޖެހޭ ޢާމްދަނީން ބޮޑު ބައެއް ލިބުން ވަނީ ހުއްޓިފައެވެ. އެހެންކަމުން އެކަން ޙައްލުކުރުމަށް ވީއެންމެ އަވަހަކަށް ގްރީން ޓެކްސް ނެގޭނެހެން ޤާނޫނަށް އިސްލާޙު ހުށައެޅުމުގެ މައްސަލަ މިހާރު ބަންޑާރަ ނައިބުގެ އޮފީހުން އަންނަނީ ކުރައްވަމުންނެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރު އަންނަނީ ނަގަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ގެޒެޓުކޮށްފައި މިހާރު އޮތް އިސްލާޙުގައި ވަނީ ގްރީން ޓެކްސް ނަގާނީ އަންނަ ޖެނުއަރީ މަހުގެ 1 ދުވަހުން ފެށިގެންކަމަށް ބަޔާންކޮށްފައެވެ. ދައުލަތަށް ބޭރުފައިސާއިން 4 ވަނައަށް އެންމެ ބޮޑު ޢާމްދަނީ ލިބެނީ ގްރީން ޓެކްސްގެ ގޮތުގައެވެ.

މިދިޔަ ޖުލައިމަހު އެކަނިވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ލިބިފައެވެ. މިޓެކްސް މިހާރު ނަގަމުންދާ ރޭޓަށް ބަދަލުގެނެސް ބޮޑެތި ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ރޭޓު ބޮޑުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.