ކުޅިވަރު

ލޮސް ކާބޯސް އޯޕަން މެޑްވެޑޭވް ކާމިޔާބުކޮށްފި


މެކްސިކޯގައި ކުރިއަށްދިޔަ ލޮސް ކާބޯސް އޯޕަން ޓެނިސް މުބާރާތް، ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޑަނީލް މެޑްވެޑޭވް ކާމިޔާބުކޮށްފިއެވެ.

އޭނާ މި މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ ބަލިކޮށްގެންނެވެ. މެޑްވެޑޭވް މި މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. އެއީ ހަތެއް ފަހެއް އަދި ހައެއް ސުމަކުންނެވެ.

މިއީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި ފަހުން މެޑްވެޑޭވްއަށް ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތެވެ. އަދި މިއީ މި އަހަރު އޭނާއަށް ކާމިޔާބު ކުރެވުނު އޭޓީޕީގެ ފުރަތަމަ މުބާރާތް ވެސްމެއެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަން އަށްފަހު މެޑްވެޑޭވް މިހާތަނަށް ވަނީ ފަސް މުބާރާތެއްގެ ފައިނަލްގައި ވާދަކޮށް ބަލިވެފައެވެ.

ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން މެޑްވެޑޭވް ބުނީ ކޮންމެ މެޗަކުން މޮޅުވުމުންވެސް ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ފައިނަލް މެޗުން މޮޅުވުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު ކަމަށެވެ. އަދި ފައިނަލުގައި އަބަދުވެސް ވާދަކުރާނީ އެ މުބާރާތެއްގައި އެންމެ މޮޅު ކުޅުންތެރިޔާއާ ކަމަށާއި، އެ މެޗުން މޮޅުވުމަކީ އަބަދުވެސް ހިތްހަމަޖެހުން އިތުރުވާ ކަމެއް ކަމުގައިވެސް ވަނީ ބުނެފައެވެ.

މެޑްވެޑޭވް ދެން ވާދަކުރުމަށް ހަމަޖެހިފައިވަނީ ކެނޭޑިއަން އޯޕަން އާއި ސިންސިނާޓީ މާސްޓާސް މުބާރާތުގައެވެ. މިއީ މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެސް އޯޕަންއަށް ތައްޔާރުވުމަށް ލިބިގެންދާނެ ދެ މުބާރާތެވެ.