އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ބްރައިޓަންއިން ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަންއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެރިކް ޓެން ހާގުގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗު ފަށާފައިވަނީ އެ ޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.
އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަސްކާލް ގްރޮސްއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު އޭގެ ނުވަ މިނެޓު ފަހުން ޖަހައިދިނީވެސް ގްރޮސްއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ މެޗްުގެ 68 ވަނަ މިނެޓުގައި ބްރައިޓަންގެ އެލެކްސް މެކް އެލިސްޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިއީ ބްރައިޓަންއިން އެންމެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވި ފުރަތަަމަ ފަހަރެވެ. އަދި މީގެ ކުރިން ކުޅުނު 11 ފަހަރުގެ ތެރެއިން އެއްވަރު ކުރެވިފައިވަނީވެސް އެންމެ ފަހަރަކުއެވެ.