ޚަބަރު

އެފްޓީޓީއެޗް ކަނެކްޝަން ސްޓެލްކޯ އަދި އެމްއޭސީއެލް އެޕާޓްމަންޓްތަކަށް!


ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން ތަރައްޤީކޮށްފައިވާ އެޕާޓްމަންޓްތަކަށް ފައިބަރ ޓު ދަ ހޯމް (އެފްޓީޓީއެޗް) ކަނެކްޝަން ފޯރުކޮށްދީފިއެވެ.

މިއީ ހުޅުމާލެ ތަރައްޤީކުރުމުގެ ތެރެއިން އޯޕަން އެކްސެސް ނެޓްވޯކާއި ފައިބަރ ކަނެކްޝަންތައް ފުޅާކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތެކެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުންވެސް މި ނެޓްވޯކް ބޭނުންކޮށްގެން އިންޓަނެޓް އަދި ކޭބަލް ޓީވީގެ ޚިދުމަތް ހޯދަން މިހާރު ފަށާފައިވާކަމަށެވެ. އަދި މި ނެޓްވޯކްއިން އާންމުންނަށާއި އަދި މި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެފްޓީޓީއެޗް ކަނެކްޝަންގެ ސަބަބުން ޚިދުމަތްދޭ ފަރާތްތަކަށް ފިޒިކަލް ކޭބަލިން އިންސްޓޯލް ކުރުމަށް މާގިނައިރު މަޑުކޮށްގެން ނުތިބެ ވަގުތުން ކަސްޓަމަރުންގެ ގެއަށް ކަނެކްޝަން ފޯރުކޮށްދެވޭނެއެވެ. އަދި އެފްޓީޓީއެޗްއާއެކު ޚިދުމަތްދޭ ފަރާތްތަކަށް ކަސްޓަމަރުން އިތުރުކޮށް، ޚިދުމަތް ދިނުމަށްކުރާ ވަގުތާއި ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ހަމައެގޮތަށް އޯޕަން އެކްސެސް ނެޓްވޯކްގެ ސަބަބުން ޚިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެއެވެ.

އެޗްޑީސީން ބުނީ މި މިކްސްޑް-ރެޒިޑެންޝަލް އެޕާޓްމަންޓްތަކުގައި ފަސޭހައިން ލިބޭ އެފްޓީޓީއެޗް ކަނެކްޓިވިޓީއަކީ ރައްޔިތުން ދިރިއުޅެންފެށިހާ އަވަހަކަށް އިންޓަނެޓާއި ޓީވީ އަދި މިފަދަ ޚިދުމަތްތައް އަވަހަށް ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަަމަށެވެ. އަދި މި އެފްޓީޓީއެޗް ކަނެކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ސްޕީޑް އަދި ސާވިސް ރޭންޖެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އޯޕަން އެކްސެސް ނެޓްވޯކް އާއި އެފްޓީޓީއެޗްއާއިއެކު މަގުތައް ކޮނުން މަދުކުރެވިގެންދާނެކަމަށް އެޗްޑީސިން ބުނެއެވެ. އަދި އެއް ނެޓްވޯކެއްގައި ގިިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް ޚަރަދު ވަރަށް ބޮޑަށް ކުޑަކުރުމުގެ އިތުރުން ޚިދުމަތްދޭ ފަރާތްތަކަށް ނެޓްވޯކް ބެލެހެއްޓުމުގެ ޚަރަދުތައް ކުޑަކުރެވިގެންދާނެއެވެ.

އެޗްޑީސީއިން އިސްނަގައިގެން ޒަމާނީ ފެންވަރުގެ ޑިޖިޓަލް ސިޓީއަކަށް ހުޅުމާލެ ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު އަންނަނީ ކުރަމުންނެވެ.

އެ މަސައްކަތުގެ ދަށުން ގިނަގުނަ ލަނޑުދަނޑިތަކެއް އެޗްޑީސީން ވަނީ ހާސިލްކޮށްފައެވެ. މި މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް "ސްމާޓްކޮމް"ގެ ނަމުގައި އެޗްޑީސީން ވަނީ ނިމިދިޔަ އަހަރު ހާއްސަ ބްރޭންޑެއް ވެސް ތައާރަފުކޮށްފައެވެ.

ސްމާޓްކޮމްގެ ސްމާޓް ސޮލިއުޝަންތަކުގެ ސަބަބުން ސިއްހަތާއި ގުޅުން ހުރި ކަންކަން ކުރިއެރުމާއި ދަތުރުފަތުރުގެ ނިޒާމައް ކުރިއެރުން ލިބިގެންދާނެއެވެ. މީގެ އިތުރުން އާއްމުންނަށް ދޭ ޚިދުމަތްތައް ރަނގަޅުވުމާއި ރައްޔިތުންނަށް އާއްމު ތަންތަނުގައި ރައްކާތެރިކަން ކަށަވަރުވުމާއި ވިޔަފާރި އާއި އިޤްތިސާދު ކުރިއެރުމުގެ އިތުރަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލެއަކީ ސްމާޓް ސިޓީއަކަށް ހެދުމުގެ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވާކްއާއެކު ޑިޖިޓަލް އިންފްރާސްޓްރާކްޗާއެއް ގާއިމު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ. މި ނެޓްވޯކް މެދުވެރިކޮށް ޓެލެކޮމިއުނިކޭޝަން ޚިދުމަތާއި އިންޓަނެޓާއި ޓީވީގެ ޚިދުމަތްތައް ދޭ ފަރާތްތަކަށް އެއް ވިއުގައެއް މެދުވެރިކޮށް އެ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.