ކުޅިވަރު

އެވަޓަން ބަލިކޮށް ޗެލްސީން ފެށުން ރަނގަޅުކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް ޗެލްސީން ފެށުން ރަނގަޅުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗްގައި ޗެލްސީގެ ފުރަތަމަ އެގާރައިންވަނީ މިސީޒަނަށް އެކްލަބާއި ގުޅުނު ދެކުޅުންތެރިންކަމަށްވާ ރަހީމް ސްޓަރލިންގ އާއި ކަލިޑޫ ކޮއުލިބާލީ އަށް ޖާގަ ދީފައެވެ. އަދި މިދެ ކުޅުންތެރިންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖަހާދިނީ ޖޯޖީނިއޯއެވެ. މިއީ އެވަޓަންގެ އަބްދުލާޔޭ ޑޮކޫރޭ ޗެލްސީގެ ބެން ޗިލްވެސްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން ލިބިގެންދިޔަ ޕެނަލްޓީއެކެވެ.

މިމެޗްގައި އެވަޓަންއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗަށް ނިކުންއިރުވެސް އަނިޔާގެ ގިނަ މައްސަލަ ތަކެއް ކުރިމަތިވެފައިވި އެވަޓަންގެ ޑިފެންސްގެ މުހިންމު ދެކުޅުންތެރިޔަކަށް އަނިޔާވެގެން ވަނީ ބާލަންޖެހިފައެވެ. އެގޮތުން ފުރަތަމަ ހާފްގައި ބެން ގޮޑްފްރޭއަށް އަނިޔާ ވެގެން ބޭލިއިރު ޔެރީ މީނާއަށް ވަނީ ދެވަނަ ހާފްގައި އަނިޔާވެފައެވެ. މިހާރު މައުލޫމާތުލިބިފައިވާގޮތުގައި ގޮޑްފްރޭގެ ފައިގާ ވަނީ ރެނދެއް ލާފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ޗެލްސީއިން ވަނީ އެޓީމަށް އަލަށް ސޮއި ކުރި މާރކް ކުކުރެޔާވެސް ކުޅެން އަރުވާފައެވެ.

ޗެލްސީގައި މިހާރުވެސް ވަރުގަދަ ޓީމެެއް އޮތް ނަމަވެސް އެޓީމުން އަދިވެސް އަންނަނީ އިތުރު ކުޅުންތެރިން ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިފަހަރުގެ ޓްރާންސްފަރ ވިންޑޯ ބަންދު ވުމުގެ ކުރިން އިތުރު ދެ ކުޅުންތެރޮޔަކު ވަރު ޗެލްސީގެ ޓީމަށްއިތުރު ވެދާނެކަމަށް ވަނީ ބެލެވިފައެވެ. އަދި އެވަޓަންއަށް ބަލާލާއިރު އެޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ތަކާހެދި އިތުރު ކުޅުންތެރިއެއް ގަނައުމުގެ ވިސްނުން ގެންގުޅެފާނެކަމަށް ވަނީ ބެލެވިފައެވެ. އެޓީމުން މިހާރުވެސް ދަނީ ޕީއެސްޖީގެ އިދްރީސް ގުއޭޔޭ އާއި ވުލްވްސްގެ ކޯނޯ ކޯޑީ ގެނައުމައި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.