ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުލަބު ޕީކޭ ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން ގްރޫޕް އެކެއްގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ
ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ޕީކޭގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނދު ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުމެއިލް ޖަމީލެވެ. އަދި ފުރަތަމަ ލަނޑެކޭ އެއްގޮތަށް ބުރު ސްޕޯޓްސްގެ ދެވަނަ ލަނޑަކީވެސް ޕީކޭގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އިބްރާހީމް މުބީން (މުއްކި) އެވެ.
މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ބުރު ސްޕޯޓްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޖުމެއިލެވެ. އަދި ބުރު ސްޕޯޓްސްގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައިމަން ނަޒީރެވެ.
މި މެޗުން ބުރު ސްޕޯޓްސް މޮޅުވިއިރު، މި ގްރޫޕުގައި ހޮނިހިރު ދުވަހުގެރޭ ޓެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބުގެ ޓީމު ހާޒިރުވެފައެއް ނުވެއެވެ. އެއާއެކު އެ މެޗުން ޓެންޓް މޮޅުވީ ކަމަށް ވަނީ ނިންމާފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އެކެއްގެ އެއްވަނަ ކަށަވަރުކޮށް ސެމީ ފައިނަލުން ޖާގައެއް ހޯދާފައިވާ ބުރު ސްޕޯޓްސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ކުޑަ ހެންވޭރާއި ތިންވަނައިގައި އޮތް ޓެންޓަށް ހަ މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. އަދި ބުރު ސްޕޯޓްސް އަތުން ބަލިވި ޕީކޭ އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.
ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.