ޚަބަރު

ދިރާސީ އައު އަހަރުގެ ކިޔެވުން އައު އަޒުމަކާއެކު ފެށުމަށް ރައީސް އިލްތިމާސްކުރައްވައިފި


ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާ އައު އަޒުމަކާއެކު ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ދިރާސީ އައު އަހަރެއް ފެށުމަކީ އަހަރެއްގެ ތެރޭގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަސްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަޚްލާޤީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން މިތިބީ ތިޔަކުދިންގެ އުންމީދުތައް ހަގީގަތަކަށް ހަދާދޭން. ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ތިޔަކުދިންނަށް އުޖާލާ ކުރިމަގެއް ހޯދައިދޭން. އަދި މައިންބަފައިން ތިޔަކުދިންނާ މެދު ފޮނި ހުވަފެންތަކެއް އޮތްކަން އެނގިތިބެ އެ ހުވަފެންވެސް ހަގީގަތަކަށް ހަދައިދޭން. އަޅުގަނޑުމެން މިދަނީ އެ ފުރުސަތުތައްވެސް ފަހިކޮށްދެމުން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކިޔަވާކުދިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން އެއްކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އިޤްތިޞާދު
ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ޓީޗަރުންނާއި މުދައްރިސުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ކުރައްވާ މި މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުޤުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތަޢުލީމުގެ ފެންވަރު މަތިވެ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

މި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ 271 ސްކޫލެއްގައި މިއަދު ކިޔެވުން ފަށާފައިވާއިރު، ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރާނެއެވެ. އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ.

މިފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ 8364 ޓީޗަރުންނާއެކުގައެވެ. މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނެވެ. އެހެން އަހަރުތަކާއި ޚިލާފަށް ޓީޗަރުން ހޯދުމުގައި މިއަހަރު ދަތިތަކެއް ދިމާނުވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.