ޚަބަރު

ދޮގު ޚަބަރު ފެތުރުމުން 49.3 މިލިޔަން ޑޮލަރު ދައްކަން ޖެހިއްޖެ


ދޮގު ޚަބަރު ފެތުރުމުގެ ކުށް ސާބިތުވެ، އެމެރިކާގެ މަޝްހޫރު "ކޮންސްޕިރެސީ ތިއޮރިސްޓް" އެލެކްސް ޖޯންސްގެ މައްޗަށް 49.3 މިލިޔަން ޑޮލަރު ދައްކަން އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ. ޖޯންސްގެ ޝަރީޢަތް ހިންގާފައި ވަނީ އެމެރިކާގެ ޓެކްސަސްގެ ކޯޓެއްގައެވެ. އޭނާއަކީ، އެމެރިކާގެ ސަރުކާރާ ދެކޮޅު ޚަބަރުތައް ފަތުރާ "އިންފޯވޯޒް" ވެބްސައިޓާއި، މީޑިޔާ ކުންފުންޏެއް ކަމުގައިވާ ފްރީ ސްޕީޗް ސިސްޓަމްސްގެ ބާނީއެވެ.

ދޮގު ޚަބަރު ފެތުރުމުގެ ކުށް ސާބިތުވެ، ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ، މައްސަލަ ހުށަހެޅި ފަރާތަށް ބަދަލެއްގެ ގޮތުގައި 45.2 މިލިޔަން ޑޮލަރު ދެއްކުމުގެ އިތުރުން އަދަބެއްގެ ގޮތުގައި ދައުލަތަށް 4.1 މިލިޔަން ޑޮލަރު ދެއްކުމަށެވެ.

ޖޯންސް ދޮގު ޚަބަރު ފަތުރާފައި ވަނީ، 2012 ވަނަ އަހަރު ކަނެޓިކަޓްގެ ސޭންޑީ ހުކްގެ ސްކޫލެއްގައި ހިނގާފައިވާ ބަޑިޖެހުމުގެ ހާދިސާއާ ގުޅުވައިގެންނެވެ. އޭނާ ބުނަމުން ގޮސްފައި ވަނީ، އެއީ ހަޤީޤަތުގައި ހިނގާފައިވާ ހާދިސާއެއް ނޫން ކަމުގައެވެ. އަދި، އޭނާ ތުހުމަތު ކުރާ ގޮތުގައި، އެއީ އެމެރިކާ ރައްޔިތުންނަށް ހަތިޔާރު ގެންގުޅުމަށް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤު ހަނި ކުރުމަށް، ސަރުކާރުން ރާވައިގެން ހިންގާފައިވާ އަމަލެކެވެ. އަދި، އެ ހާދިސާގައި މަރުވި ކަމަށް ބުނާ ކުޑަކުދިންނާއި އެހެން މީހުންނަކީ އެކްޓަރުންތަކެއްގެ ގޮތުގައި ޖޯންސް ސިފަ ކޮށްފައިވެއެވެ.

ނަމަވެސް، ސޭންޑީ ހުކްގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައި 20 ދަރިވަރުންގެ އިތުރުން ހަ މީހުން މަރުވިއެވެ. މި ހާދިސާއާ ގުޅޭ ގޮތުން ދޮގު ޚަބަރު ފެތުރުމުން އޭނާއާ ދެކޮޅަށް ދަޢުވާ ކޮށްފައި ވަނީ، އެ ހާދިސާގައި މަރުވި ހަ އަހަރުގެ ކުއްޖެއް ކަމުގައިވާ ޖެސީ ލުވިސްގެ ޢާއިލާއިންނެވެ.

ލުވިސްގެ މައިންބަފައިން ޖޯންސްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ، އޭނާ ދޮގު ޚަބަރު ފެތުރުމާ ގުޅިގެން އެ ޢާއިލާއަށް ފުރައްސާރައާ ކުރިމަތިލާން ޖެހި، ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ތަހައްމުލު ކުރަން ޖެހުނު ކަމަށް ބުނެ، އެ ކަމުގެ ބަދަލު ހޯދުމުގެ ގޮތުންނެވެ. އެ ޢާއިލާއަށް ފުރައްސާރަ ކޮށްފައި ވަނީ ޖޯންސްއަށް ތާޢީދު ކުރާ، އޭނާ ފަތުރާ ދޮގު ޚަބަރުތައް ޤަބޫލު ކުރާ މީހުންނެވެ.