ޚަބަރު

ޣައްޒާއަށް ބޮންއެޅުމުގެ ހިތި ނަތީޖާ ޔަހޫދީންނަށް ފެންނާނެ: އީރާން


ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޢައްޒާގެ މުސްލިމުންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ހިތި ނަތީޖާ އެ ޤައުމަށް ފެންނާނެ ކަމުގައި ވިދާޅުވެ، އީރާނުގެ ރިވޮލޫޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރެއް އިސްރާޢީލަށް އިންޒާރު ދެއްވައިފިއެވެ. ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ޣައްޒާގެ އަމާޒުތަކަށް ބޮން އަޅަން ފަށާފައި ވަނީ އޮގަސްޓު 5 ގައެވެ.

މި އުދުވާނުގެ ފުރަތަމަ ދުވަހު ޔަހޫދީން ވަނީ މުސްލިމުންގެ ހަތް މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ފަސް އަހަރުގެ ތުއްތުކުއްޖަކު ވެސް ހިމެނެއެވެ. އަދި އުދުވާނުގެ ދެވަނަ ދުވަހު ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ނުވައަކަށް އަރައެވެ. އަދި، އިތުރު 50 އެއްހާ މީހުން ވަނީ ޔަހޫދީންގެ ނުރައްކާތެރި ބޮމުގެ ހަމަލާތަކުގައި ޒަޚަމްވެފައެވެ.
"ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ބަދަލުގައި އެ މީހުން ބޮޑު އަގެއް ދައްކަން ޖެހޭނެ،" ރިވޮލޫޝަނަރީ ގާޑްސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވިއެވެ. އޭނާ ވަނީ، މިހާރު އީރާނަށް ގޮސް އުޅޭ، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސް ލީޑަރު ޒައިދު އަލްނަޚަލާއާ ބައްދަލު ކުރައްވާފައެވެ.

މީގެ ފަސް ދުވަސް ކުރިން ޔަހޫދީންގެ ސިފައިން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި، އޮގަސްޓު 1 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި ޢުދުވާނެއްގައި އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ބައްސާމް އަލްސާދީ ހައްޔަރު ކޮށްފައެވެ. ޔަހޫދީންގެ އުދުވާންތައް ހުއްޓުވަން މިޞްރާއި ޤަޠަރު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.