ޚަބަރު

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި


2022ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ސްކޫލްތަކުގެ ކިޔެވުން ފަށައިފިއެވެ.

ދިރާސީ އައު އަހަރަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންނަށް ސްކޫލްތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައިއެވެ.

ރާއްޖޭގެ 217 ސްކޫލެއްގައި މިއަދު ކިޔެވުން ފަށާފައިވާއިރު، ދިރާސީ އައު އަހަރަށް ދަރިވަރުންނާއި ޓީޗަރުން ކުރިމަތިލީ އައު އުންމީދުތަކާއި ލަނޑުދަނޑިތަކަކާއެކުއެވެ. ދަރިވަރުންނަށާއި ޓީޗަރުންނަށްޓަކައި ސްކޫލްތައް ވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ. އަދި އައު އަހަރަށް މަރުޙަބާ ކިޔުމުގެ ކަންކަންވެސް ސްކޫލްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު މިއަހަރުވެސް ތަޢުލީމީ ދާއިރާގައި ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވަނީ ނިމިގެން މިދިޔަ ބޮޑު ޗުއްޓީގައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ބޭނުންވާ ފޮތާއި ޔުނިފޯމާއި ގުޅޭ ސާމާނު ސްކޫލްތަކަށް ފޯރުކޮށްދިނުމަށްވާންޖެހޭ ގިނަ ތައްޔާރީތަކެއްވަނީ ވެފައެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 93278 ދަރިވަރުންނާ އެކުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ސަރުކާރު ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތައް ހިމެނޭހެން، މިއަހަރު އަލަށް ސްކޫލަށް ވަން ދަރިވަރުންގެ އަދަދަކީ 7700އެވެ. ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށްގޮސް ނިމިފައިވާއިރު މާލެ ސަރަޙައްދަށް އިތުރު 1500 ދަރުވަރުން ބަދަލުވެފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށްގޮސް ނިމިފައިވާއިރު މާލެ ސަރަޙައްދަށް އިތުރު 1500 ދަރުވަރުން ބަދަލުވެފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ބޮޑު ޗުއްޓީ ނިންމާ ދަރިވަރުން ސްކޫލަށް ނިކުތްއިރު ދަރިވަރުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދަރިވަރުން ސްކޫލަށް އައީ އައު އަޒުމަކާއި އުންމީދުތަކާއިއެކު ސްކޫލްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އުފަލުގައެވެ.


އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގައި ފެނިގެން ދިޔަ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އެޑިއުކޭޝަނުން ފާހަގަކުރައްވަނީ ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން މިއަހަރު ހަމަވެފައިވުމެވެ. މިފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ 8364 ޓީޗަރުންނާއެކުގައެވެ. މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނެވެ. އެހެން އަހަރުތަކާއި ޚިލާފަށް ޓީޗަރުން ހޯދުމުގައި މިއަހަރު ދަތިތަކެއް ދިމާނުވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ސަބަބެއްކަމަށް އެމިނިސްޓްރީއިން ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ހެޔޮ ބަދަލެވެ. މިއާއެކު ޓީޗަރުން ލިބުން މިއަހަރު ފަސޭހަވެފައިވާކަން އެމިނިސްޓްރީންވަނީ މީގެކުރިންވެސް ފާހަގަކުރައްވާފައެވެ.

ހިޔާ ފްލެޓުގެ އާބާދީ އިތުރުވުމާގުޅިގެން، މާލެ ސަރަހައްދުގައި އުނގެނޭ ދަރިވަރުންގެ ނިސްބަތަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ސްކޫލު އަންނަ މަހު ހުޅުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށެވެ. އިތުރު ޕްރީ ސްކޫލެއް ވެސް އެ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާނެއެވެ. ސަލާހުއްދީންގެ ސްކޫލްގެ ނަމުގައި އަމީން ކޮންސްޓްރަކްޝަނުން އިމާރާތްކުރާ ސްކޫލް، އަންނަ ޖެނުއަރީގައި ހުޅުވާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 4 ސްކޫލެއް ހަދަން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.

މި އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22ވަނަ ދުވަހުއެވެ.